ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިރޭ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މިއަދު ހަވީރު 17:45 އިން ފެށިގެން މިރޭ 23:45 ގެ ނިޔަލަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މި މުއްދަތުގައި އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެ ހިމެނޭހެން، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ މަތީގައި ވިލާ ވަނީ ވަރަށް ބޮޑަށް ބޯވެފައެވެ.
ނަކަތުގެ ހިސާބަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ހުޅަނގު މޫސުމުގެ "ހިތަ" ނަކަތެވެ. އޮކްޓޯބަރު މަހުގެ 4 އިން 17 ގެ ނިޔަލަށް ދެމިގެންދާ މި ނަކަތަކީ އާންމު ގޮތެއްގައި ވައި މަޑުވެފައި، އެކި ދުވަސްވަރު އެކި މިންވަރަށް ވިއްސާރަކުރާ ނަކަތެކެވެ.
ރިއެކްޝަންސް





