ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މި މަހުގެ 29 އަށް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މި މަހުގެ 29 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި، މައްސަލައިގެ އަޑުއެހުންތައް މިއަދު އެއްކޮށް ނިންމާލާފައިވާއިރު، ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގގެ ދައުވާއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެމަނިކުފާނު ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޤަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރައްވާފައެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ.
ނަމަވެސް، ޝަރީއަތް ކުރިއަށް ދަނިކޮށް ދައުލަތުން ވަނީ ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައެވެ. އަދި ސަންގެ ދެ ކުންފުނީގެ މައްޗަށް ކުރި ދައުވާތައް ޝަރީއަތުގައި ސާބިތުވެފައެއް ނުވެއެވެ.
ރިއެކްޝަންސް

