އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ވިއްކުން ވަކި ޤައުމުތަކަކަށް ޚާއްޞަކޮށްފި

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ވިއްކުން ވަކި ޤައުމުތަކަކަށް ޚާއްޞަކޮށްފި

1 hour ago - 19:50
Advertisement
Advertisement

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ވިއްކާ 1000 އެމެރިކާ ޑޮލަރު، ދިވެހިން ޢާންމުކޮށް ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ވަކި ޤައުމުތަކަކަށް އެކަނި ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. ނަމަވެސް، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.


މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ޚަރަދުގައި ފަރުވާ ހޯދަންދާ މީހުންނަށް ދޫކުރާ 1000 ޑޮލަރު ދެން ލިބޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ. މި ފައިސާ ކުރިއެކޭވެސް އެއްފަދައިން ދޫކުރަމުން ގެންދާނީ ބޭންކުތައް މެދުވެރިކޮށެވެ.


އެމްއެމްއޭ އިން މި ފިޔަވަޅު އަޅަން ނިންމި މައިގަނޑު ސަބަބަކީ ބޭސްފަރުވާއަށް ސަރުކާރުން ފޯރުކޮށްދޭ ބޭރު ފައިސާއަކީ ޙަޤީޤަތުގައި ވެސް ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމެވެ.


އަމިއްލަ ގޮތުން ފަރުވާއަށްދާ މީހުންނަށް 1000 ޑޮލަރު ވިއްކުމުގެ އުޞޫލު 2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތަންފީޒުކުރަން ފެށުމާ ގުޅިގެން، ބޭސްފަރުވާއަށް ދޫކުރި ބޭރު ފައިސާގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާއަށް ޖުމްލަ 41.1 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ ބޮޑު އިތުރުވުމެކެވެ.


މިގޮތުން ދޫކުރެވުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް ވިއްކި ފައިސާއެވެ. އެގޮތުން ހަމައެކަނި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ މީހުންނަށް މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement