ޙައްޖު ދަތުރުގެ އަގު ހެޔޮކުރުމަށް ޚާއްޞަ ޕްލޭނެއްގެ ދަށުން ސަރުކާރުން މަސައްކަތް ފަށައިފި
ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކުރާ ދަތުރުގެ އަގު ކުޑަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވާލައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ މިހާތަނަށްވެސް ރާއްޖެއިން މީހުން ޙައްޖަށް ގެންދަމުން އަންނަނީ 69,965 ރުފިޔާއަށެވެ. ނަމަވެސް، ރައްޔިތުންނަށް މި އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މި އަގު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ޢަމާޒެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޙައްޖުގެ އަގު ހެޔޮކުރުމުގެ މާނައަކީ ރައްޔިތު މީހާގެ އަތުން ދައްކަންޖެހޭ މިންވަރު މަދުކޮށް، އެކަމަށް ލުޔެއް ހޯދައިދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މިކަން ޙާޞިލުކުރުމަށްޓަކައި ޕްލޭނެއް ހަދައި، ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރީގެ އަގެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި ޙައްޖު ކޯޕަރޭޝަނުން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މީގެއިތުރުން، އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، އެއްފަހަރު ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހަކަށް ދެވަނަ ފަހަރަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ދޭ މުއްދަތު މިހާރު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާކަން ވެސް ވަޒީރު ވަނީ އެ ބައްދަލުވުމުގައި އިޢުލާނު ކުރައްވާފައެވެ.
މި ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް އަލަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





