ކޮންގްރެސް ޕާޓީގެ "ރައްޔިތުންގެ ބޮޑު ހިނގާލުން" ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބާއްވައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި "ރައްޔިތުންގެ ބޮޑު ހިނގާލުން" މިއަދު މާލޭގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މާލޭގެ މައިމަގު މަޖީދީމަގުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 1,593 ކެންޑިޑޭޓުންނާއި، ޑަބްލިއުޑީސީ އިންތިހާބުގައި ވާދަކުރާ 1,368 ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޖުމުލަ 888,845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އެއީ:
ލޯކަލް ކައުންސިލް އިންތިހާބަށް: 297,959 ވޯޓު ކަރުދާސް
ޑަބްލިއުޑީސީ އިންތިހާބަށް: 292,706 ވޯޓު ކަރުދާސް
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް: 298,180 ވޯޓު ކަރުދާސް
ސިޔާސީ ޕާޓީތަކުން މި އިންތިހާބުގައި ވާދަކުރާ މިންވަރަށް ބަލާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީން 1,322 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީން 905 ކެންޑިޑޭޓުން، އެމްޑީއޭއިން 57 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 15 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 9 ކެންޑިޑޭޓުން އަދި ދަ ޑިމޮކްރެޓްސްއިން 8 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން ވާދަކުރެއެވެ.
މާދަމާ އޮންނަ އިންތިހާބުގައި ޖުމުލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމުލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް



