ކުރީ ސަރުކާރުގެ މަޝްރޫއުތަކާއި އައު މަޝްރޫއުތައް 2028ގެ މެދުތެރެއަށް ނިމޭނެ: މިނިސްޓަރ މުއްތަލިބު
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ސޮއިކޮށް ނުފެށި ހުރި މަޝްރޫއުތަކާއި، ފެށުމަށްފަހު ނުނިމި ހުރި މަސައްކަތްތަކުގެ އިތުރުން މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް އެކުއެކީ ކުރިއަށްގެންގޮސް ނިންމައިލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ކުރީ ސަރުކާރުން ސޮއިކޮށް ނުފެށި ނުވަތަ މަޑުޖެހި ނުނިމި ހުރި 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހުރި ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އަމިއްލަފުޅު މެނިފެސްޓޯއަކާއި ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅުތަކަކާއެކު ނަމަވެސް، ކުރީ ސަރުކާރުގެ މަސައްކަތްތައް ހުއްޓަވައިނުލައްވައި، ހުރިހާ މަޝްރޫއެއް އެކުއެކީ ކުރިއަށްގެންދަވަން ނިންމަވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ޖާގަ ހޯއްދަވައިގެން ކުރީގެ މަޝްރޫއުތަކާއި އައު މަޝްރޫއުތައް އެކުއެކީ ކުރިއަށްގެންދިއުމަކީ ގޮންޖެހުން ބޮޑު "ހައްސާސް" ކަމެއް ކަމަށެވެ. އަދި މި ސަބަބާހުރެ މަސައްކަތްތައް ލަސްވުމާއި ދަތިތައް ކުރިމަތިވާކަން އެމަނިކުފާނު ގަބޫލުކުރެއްވިއެވެ. "އަޅުގަނޑުމެން ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތްނުދާ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، މިހާރު މަޝްރޫއުތައް ކުރިއަށްގެންދާނެ ހަރުދަނާ ތާވަަލެއް އެކުލަވައިލެވި، މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު މި ހުރިހާ މަޝްރޫއެއް ނިންމައި، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ރިއެކްޝަންސް

