މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރަނީ
މާލޭ ސަރަހައްދުގައި އަލަށް ފެށި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް، މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށްވެސް ތައާރަފުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގައި މި ހިދުމަތް ފެށުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އަމީން ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީގެ ރައްޔިތުންނަކީ މިފަދަ ހަރުދަނާ ޓެކްސީ ނިޒާމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ބައެކެވެ. އެހެންކަމުން، މިއަހަރު ނިމުމުގެ ކުރިން އެ ސިޓީގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރުލާފައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ރޭ ފެށި ހިދުމަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިއީ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް، ދަތުރުތައް މޮނިޓާކުރެވޭނެ ފަދަ ޒަމާނީ ނިޒާމެއް ކަމަށެވެ. އަދި މި ހިދުމަތް ދެމުންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ކަމަށާއި، ކުރިއަށް އޮތްތަނުގައި ވިލިމާލެއާއި ގުޅީފަޅު ގުޅާލެވުމުން މި ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މި ހިދުމަތް ތައާރަފުކުރި ނަމަވެސް، މިހާރު އޮޕަރޭޓްކުރަމުންދާ އަމިއްލަ ޓެކްސީ ސެންޓަރުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި އެ ފަރާތްތަކުން މިހާރެކޭވެސް އެއްފަދައިން ހިދުމަތް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ހިތްވަރު ދެއްވިއެވެ.
ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޓެކްސީ ލައިންގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް (އީވީ) އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ގިނަ އަދަދެއްގެ ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެއެވެ.
ރިއެކްޝަންސް









