ފުވައްމުލައް ސިޓީ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
ފުވައްމުލައް ސިޓީގެ ބަނދަރު ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އެ ސިޓީއަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިއީ ފުވައްމުލަކު ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ރިޔާސީ ވަޢުދެއް ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެ ސިޓީއަށް ޖަމާކުރެވިފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ފުވައްމުލަކު ބަނދަރު ތަނަވަސްވެ، އުޅަނދުފަހަރަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ތަރައްޤީއާއެކު ސިޓީގެ އިޤްތިޞާދީ ހަރަކާތްތަކަށް އައު ދިރުމެއް ލިބި، ވިޔަފާރިއާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި މި މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމާ ގުޅިގެން، މެންބަރު އިބްރާހީމް ޙުސައިން ވަނީ ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢު ނިންމައި، ރައްޔިތުންނަށް އޭގެ މަންފާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ.
ރިއެކްޝަންސް









