ތިން އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ތިން އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

3 hours ago - 10:01

ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. މި ވޯޓާއެކު ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުންވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ދަނީ ކުރިއަށެވެ.


އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 347 މަރުކަޒު ހިމެނެއެވެ.


މި އިންތިހާބުގެ ވާދަވެރިކަމަށް ބަލާއިރު، ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. މި އިންތިހާބުގައި 225 ދާއިރާއަކުން 1،356 މަގާމަކަށް މީހުން އިންތިހާބު ކުރާނެއެވެ.


ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 299,876 މީހަކަށް މިއަދު ވޯޓުލުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބަށްޓަކައި ތިން ބާވަތެއްގެ ވޯޓު ކަރުދާސް ހިމެނޭހެން ޖުމްލަ 888,845 ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އެއީ:

ލޯކަލް ކައުންސިލް އިންތިހާބަށް: 297,959 ވޯޓު ކަރުދާސް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް: 292,706 ވޯޓު ކަރުދާސް
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް: 298,180 ވޯޓު ކަރުދާސް

ފޯރިގަދަ ކެމްޕެއިނަކަށްފަހު މިއަދު ހެނދުނު ވޯޓުލުން ފެށިގެން އަމާންކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް އެއްވެސް މަރުކަޒެއްގައި ހަމަނުޖެހުމެއް ހިނގައިގެން އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ހިންގުމަށާއި އިންތިހާބީ ނިޒާމަށް އަންނާނެ މުހިންމު ބަދަލުތަކެއް ކަނޑައެޅިގެންދާނެ އިންތިހާބެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow