ބްރިޖް ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް 5 ދުވަސް
ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު ބްރިޖް ހައިވޭގައެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ ވަގުތު މަގުމަތީގައި ޑިއުޓީ ކުރަމުންދިޔަ ފުލުސް އޮފިސަރުގެ ގައިގައި ޖެހި އޭނާގެ އަނގަމަތި ފަޅައިގެން ގޮސް، ދަތް ބިނދުމުގެ އިތުރުން ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:
އަޙްމަދު ސިނާޒް (30އ)، މަލަ / ކ. ގާފަރު
ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ)، އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި
އަނޫފް ބިން މުޙައްމަދު (21އ)، ހ. ފިލްމީސައިޓް / ކ. މާލެ
އަޙްމަދު މާއިޝް މުޙައްމަދު މާހިރު (21އ)، ފެނިވާ / ސ. ހިތަދޫ
މި ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުގެ ޙާލަތުގައި ތިބެ، ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވި ކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި އެންމެންގެ ޔޫރިންގެ ވަގުތީ ނަތީޖާއިން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން، ހައްޔަރުކުރި ޢަބްދުﷲ ސައްމާޙްގެ ލައިސަންސް މީގެ ކުރިން ޓްރެފިކް ވައިލޭޝަނަކާ ގުޅިގެން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ. ކްރިމިނަލް ކޯޓުން މި މީހުންގެ ބަންދަށް 5 ދުވަހުގެ ކުރު މުއްދަތެއް ދިނީ، ވަކީލެއްގެ ފުރުޞަތަށް އެދިފައިވާތީ ކަމަށް އެނގިފައިވެއެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމުގެ މަޤްޞަދުގައި ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
ރިއެކްޝަންސް





