ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ޚިދުމަތް ހޯދުމުގެ ފުރުޞަތަށް ހުޅުވާލައިފި
ފުރަތަމަ ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް
ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ޚިދުމަތް ހޯދުމުގެ ފުރުޞަތަށް ހުޅުވާލައިފިއެވެ. ތައިލެންޑާއި ޔޫއޭއީން އަސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެވައުދު ފުއްދެވުމަށް ޔޫއޭއީ ހޮސްޕިޓަލެއްގެ އިތުރުން ތައިލެންޑްގެ ދެ ހޮސްޕިޓަލާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުއެވެ.
އާސަންދަ ކުންފުނިން މިއަދު ވަނީ ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ހުޅުވާލާފައެވެ. ތައިލޭންޑް އަދި ޔޫ.އޭ.އީ ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ފޮނުވަން ފަށާއިރު ފުރަތަމަ އިސްކަން ދެނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ މީހުންނަށެވެ. އާސަންދަ ކުންފުނިން ބުނީ އޭގެތެރެއިންވެސް އިސްކަންދެނީ "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވުމުގެ ސަބަބުން ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
" އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ." އާސަންދަ ކުންފުނިން ބުންޏެވެ.
ދެވަނަ ބައެއްގެ ގޮތުގައި ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އިސްކަންދޭން އާސަންދަ ކުންފުނިން ވަނީ ނިންމާފައެވެ. އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު އާސަންދަ ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
އާސަންދަ ކުންފުނިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެކަމަށެވެ. އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށްއެދޭ ގޮތަށް ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބުންޏެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބުންޏެވެ.
އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުޞަތު ދޭއިރު ބަލިމީހާއަށާއި, އެހީތެރިޔާއަށް ދެކޮޅު ޓިކެޓް ދެއެވެ. އަދި ބޭސްފަރުވާގެ ޚަރަދާއި ތިބުމުގެ ޚަރަދު ދެއެވެ.
ރިއެކްޝަންސް