މިހާރު އޮތް ސަރުކާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތަކަށް- ކުރީގެ ރައީސް ޞާލިހު
މިހާރު އޮތް ސަރުކާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތަކަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އެޕާޓީން މިއަދު ފެށި 'ލާމަރުކަޒީ ގުޅުން' ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ, ރައްޔިތުން ބުނާގޮތް ހަދާ ސަރުކާރެއް ނޫން ކަމަށެވެ. ސަރވޭގެ %60 މީހުން ލާމަރުކަޒީ ނިޒާމާއެކު ކުރިއަށްދާން ބޭނުންކަމަށް ބުނުމުންވެސް މިސަރުކާރުގެ މިސްރާބު ހުރީ އެނިޒާމް ފުނޑާލުމާ ދިމާއަށް ކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް ވިދާޅުވީ މިސަރުކާރުން އަމަލުކުރަނީ ހިތުހުރި ގޮތަކަށް 'އަމިއްލަ ފައިދާއަށް' ކަމަށެވެ.
"ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ސިފަ. ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށްގޮސް ވޯޓް ނަގައިގެން ވެރިކަން ބަދަލުކުރުމެއް ނޫން. އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މާގިނަ ކަންތައްތަކެއް އެކުލެވޭ ކަމެއް. ޑިމޮކްރަސީއެއްގައި ރައްޔިތުންނާ މަޝްވަރާކޮށް އަޑު އަހަންޖެހޭ. ކައިރިން ޚިދުމަތް ދެވެން އެބަޖެހޭ. އެކަމަކު މިސަރުކާރުން އެކަމެއް ނުކުރޭ. މިސަރުކާރުން ފެންނަނީ ބާރުތައް ޖަމާކުރަމުން ގެންދާތަން." ޞާލިހު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑަތި ބަދަލުތަކެއް ގެންނަން ކަމަށެވެ. އެބަދަލުތަކަކީ މުޅި ނިޒާމް ފުނޑާލުމަށް ގެންނަ ބަދަލުތަކެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެޓޯލްސް މިނިސްޓްރީ އުފައްދާ, ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުންދާ މަސައްކަތަކީ ބާރުތައް ޖަމާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް ޞާލިހު ވިދާޅުވީ މިއީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނެ ގޮތް ކަމަކަށް އެއްވެސްއިރަކު އެމްޑީޕީން ނުދެކޭ ކަމަށެވެ.
ސިޓީތަކުގެ މޭޔަރުންވެސް ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްގައި ކުރީގެ ރައީސް ވިދާޅުވީ ހުރިހާ ސިޓީ ކައުންސިލްތަކެއްވެސް ވަނީ ބައެއްގެ ނުފޫޒުގެ ތެރެއަށް ވަދެ, ކަމެއް ނުކުރެވޭގޮތް ހަދާފައި ކަމަށެވެ. އެކަމާ އިދިކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަށް އަމަލީގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރަންޖެހޭ ކަމަށާއި, އެހެންނޫނީ މިރާއްޖެއަށް އެމްޑީޕީން ގެންނަން ބޭނުންވާ ތަރައްޤީ ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ ދޮގާއި, އޮޅުވާލުމާއި, ފިތުނައާއި, ފަސާދައިގެ ތެރެއިން ކަމަށެވެ. ނަމަވެސް މިސަރުކާރުން ބުނަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ފައްކާކޮށް, އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ލޯކަލްގަވަރމަންޓް ވަކި ވުޒާރާއެއް އުފެއްދީ ކައުންސިލްތަކަށް އިތުރަށް ފަސޭހަކޮށް ގާތުން މަސައްކަތް ކުރުމަށެވެ. ދޮގާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތު މިސަރުކާރުން ކުރަނީ އެމްޑީޕީ އަށެވެ.
ރިއެކްޝަންސް