ދެކުނު ލުބުނާނުގައި ހަރަކާތްތެރިވާ އދ ގެ ފީސްކީޕަރސް އަށް  ހަމަލާދީ, އުތުރު ޣައްޒާގެ ޖަބާލިއާއަށް ބާރުގަދަ ހަމަލާތަކެއް
އދ ގެ އުޅަނދެއް ލުބުނާނުގައި ހަރަކާތްތެރިވަނީ - ފޮޓޯ; އަލް ޖަޒީރާ

ދެކުނު ލުބުނާނުގައި ހަރަކާތްތެރިވާ އދ ގެ ފީސްކީޕަރސް އަށް ހަމަލާދީ, އުތުރު ޣައްޒާގެ ޖަބާލިއާއަށް ބާރުގަދަ ހަމަލާތަކެއް

6 days ago - 10:23
Oct 13, 2024 - 09:28

ފާއިތުވި 48 ގަޑިއިރު ތެރޭގައި ދެކުނު ލުބުނާނުގައި ތިބި ސުލްޙައަށް މަސައްކަތްކުރާ އދ ގެ ފޯސްގެ މައިމަރުކަޒަށް އިޒްރާއިލްއިން ދެ ފަހަރު ހަމަލާދީފިއެވެ. ދެކުނު ލުބުނާނުގެ ނަގޯރާގައި ހުންނަ މަރުކަޒަށް ދެ ފަހަރުވެސް ހަމަލާދިނީ އެއްތަނަކަށެވެ. 

ހަމަލާތަކުގައި އދ ގެ އިންޓެރިމް ފޯސް އިން ލެބަނަން (ޔޫއެންއައިއެފްއައިއެލް) ގެ މުވައްޒަފަކު ޒަޚަމްވެފައިވާކަމަށް ހުކުރު ދުވަހު އދ ގެމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސުލްޙައަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ޤާނޫނާ ވަރަށް ބޮޑަށް ޚިލާފް ކަމެކެވެ.

ފާއިތުވި 24 ގަޑިއިރު ލުބުނާނަށް ދީފައިވާ ހަމަލާތަކުގައި އާންމުންގެ 60 މީހަކު މަރުވެފައިވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.

ލުބުނާނަށް ހަމަލާ ދެމުންދާއިރު އިޒްރާއިލްއިން ފަލަޞްޠީނުގައި ދެމުންގެންދާ ހަމަލާތަކަށް ކުޑަވެސް ލުޔެއްނުދެއެވެ. ހުކުރު ދުވަހު އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައިވެސް 22 މީހުން ވަނީ މަރާލާފައެވެ. ޖަބާލިއާ އަށް ދިން ހަމަލާތައް ސިފަކޮށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "އެތަނަށް ހީވަނީބާރުގަދަ ބިންހެލުމެއް" އައިހެނެވެ. އިތުރު ހަމަލާއެއްގައި ރަމެލް މެޑިކަލް ކްލިނިކަށްވެސް ވަނީ ހަމަލާއެއް ދީފައެވެ.

Advertisement

ޑޮކްޓާރަސް ވިތައުޓް ބޯޑާރސް އިން މަޢުލޫމާތު ދޭގޮތުގައި އިޒްރާއިލްގެ ހަމަލާތަކުގައި މުޅި އުތުރު ޣައްޒާ އެއްކޮށް ގާފުނި ތަކަކަށް ވަނީ ހަދާފައެވެ. އަދި ޖަބާލިއާގައި އެތައްހާސް މީހުން ކާބޯތަކެތި ނުލިބި ތާށިވެފައި އެބަތިއްބެވެ. 

ހުކުރުދުވަހު މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙް ސަރަޙައްދުގައި އާންމުން ހިމާޔަތްހޯދައިގެން ތިބި ސްކޫލްކަށްވެސް އިޒްރާއިލްއިން ވަނީ ބޮން އަޅާފައެވެ. އެސަރަހައްދުގެ މާހައުލު ފެންނަ ބިރުވެރި ވީޑިއޯ ފޫޓެޖަކުން ފެންނަ ގޮތުގައި އެސަރަޙައްދަށްވެސް ދީފައިވަނީ ބާރުގަދަ ހަމަލާއެކެވެ. ސްކޫލަށް ދިން ހަމަލާގައި މިހާތަނަށް 28 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow