
ކަމާލް އަދުވާން ހޮސްޕިޓަލްއިން ދުނިޔެއަށް އާދޭސް ފޮނުވި ޑރ. އަބޫ ސަފިއާ އަށް އިޒްރާއިލްގެ ޖަލުގައި ވަރަށް އަނިޔާކުރޭ: ވަކީލުން
"އަހަރެމެން މަރުވަނީ, ސަލާމަތްކޮށްދީ. ދުނިޔެއަށް މި މެސެޖް ރައްދުކޮށްދީ" މިއީ ކަމާލް އަދުވާން ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓްރު މީގެ ދެމަހެއްހާ ދުވަސްކުރިން ނޫސްވެރިއަކު މެދުވެރިކޮށް ދުނިޔެއަށް ފޮނުވި މެސެޖެކެވެ.
ޑިސެމްބަރު މަހު އިޒްރާއިލްއިންވަނީ އުތުރު ޣައްޒާގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލްގައި ތިބި ބަލިމީހުންނެރެ އެހޮސްޕިޓަލަށް ބޮންއަޅާ,އަންދާލާފައެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް ހޮސްޕިޓަލް ދޫކޮށް ދާން ދެކޮޅުހެދި ޑރ. އަބޫ ސަފިއާ އެދުވަހު ވަނީ އިޒްރާއިލްގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައެވެ. ޑރ. އަބޫ ސަފިއާއަށް ހެދީ ކިހިނެތްކަމެއް ނޭނގި ދުވަސްތަކެއް ދިއުމަށްފަހު މައުލޫމާތު ލިބުން ގޮތުގައި އޭނާ ބަހައްޓާފައިހުރީ އިޒްރާއިލްގެ އަސްކަރިއްޔާގެ އިންތިހާ އަނިޔާވެރިކަމަށް މަޝްހޫރު ތެއިމަން ޖަލުގައެވެ.
ވަކީލުންނާ ހަވާލާދީ އަލްޖްޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޑރ. އަބޫ ސަފިއާ މިހާރު ހުރީ ރާމަالله އާ ކައިރި ހިސާބެއްގައި ހުންނަ އޮފަރ ޖަލުގައެވެ. ޖަލުގައި ޑޜ. އަބޫ ސަފިއާ އަށް އެކިބާވަތުގެ އަނިޔާ އިންތިހާ ދަރަޖައަށް ދަނީ ލިބެމުންނެވެ. އަދި ޑރ. އަބޫ ސަފިއާ އާ ދޭތެރޭ އިންސާނީ ކަރާމާތަށް ގެއްލުންވާފަދަ އެތައް އަނިޔާއެއްވެސް ވަނީ އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން އަންނަނީ ދެމުންނެވެ.
"ހައްޔަރުކުރި ދުވަހުވެސް ގަދަ ބާރުން ލައިގެންހުރި އެއްޗެހި ބާލުވާ, ބިޑއަޅުވައިގެން ގެންދިޔައީ. ޑރ, އަބޫ ސަފިއާގެ ގައިގައި ތަޅާ އަނިކޮށްފައިވާ އެތައް ނިޝާނެއް އެބަހުރި" އަލް މީޒަން ސެންޓަރ ފޮރ ހިއުމަން ރައިޓްސްގެ ވަކީލު, ސާމިރް އަލް މަނާމް އޮފަރ ޖަލަށް އަންގާރަދުވަހު ކުރި ޒިޔާރަތަށްފަހު ބުނެފައި ވެއެވެ.
ޖެނުއަރީ 9 ވަނަ ދުވަހު އޮފަރ ޖަލަށް ބަދަލުކުރި ޑރ. އަބޫ ސަފިއާ އެތަނަށް ބަދަލުކުރުމުގެ ކުރިން 25 ދުވަސްވަންދެން ބައްހައްޓާފައި ހުރީ ސޮލިޓަރީ ކޮންފައިންޓްމަންޓްގައެވެ. އެމުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު އިޒްރާއިލްގެ އިންޓެލިޖެންސުން ޑރ. އަބޫ ސަފިއާ އާ އެތައް ފަހަރެއްގެ މަތިން ސުވާލުކުރާކަމަށްވެސް ވަކީލު ބުނެފައި ވެއެވެ.
"އިންތިހާއަށް ލޭމައްޗަށް ދިއުމުގެ ސަބަބުން ޑރ. އަބޫ ސަފިއާގެ ހިތުގެ މަސްކޮޅެއްވަނީ އާދަޔާޚިލާފަށް ބޮޑުވެފައި" އަނިޔާގެ ސަބަބުން ކުރުމަތިވަމުންދާ ސިއްޙީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވަކީލު ބުންޏެވެ.
އިޒްރާއިލް އިން ތުހުމަތުކުރާ ކަންކަމަށް އެއްބަސްނުވުމުން, ގަދަކަމުން އެއްބަސްކުރުވުމަށް އިލްކްޓްރިކް މުގުރުން ތަޅާކަމަށާއި, ސޮލިޓަރި ކޮންފައިންމަންޓްގައި ހުރިއިރު ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމުގެ ނިޝާންތައް ބައިވަރު އެބަހުރި ކަމަށް ވަކީލާ ހަވާލާ ދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
"ޑރ. އަބޫ ސަފިއާ ހައްޔަރުކޮށްފައި ހުރީ އެއްވެސް ޤާނޫނީ ހަމައަކުން ނޫން. އެމީހުން އެކުރާ ތުހުމަތު ތަކުގެ އެއްވެސް ހެއްކެއް ނެތް. އެއީ ހަޤީގަތެއް ނެތް ތުހުމަތުތަކެއް" ވަލީލުންގެ ފަރާތުންނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް ހަމައެއްނެތި ޑރ. އަބޫސަދިއާ ހައްޔަރުކުރުމަށްފަހު ޤާނޫނީ ވަކީލަކާ ބައްދަލުވުމުގެ ފުރުޞަތު ނުދީ 47 ދުވަސްވަންދެން ޑރ.އަބޫ ސަފިއާ ބަހައްޓާފައި ހުރިކަމަށެވެ.
ޑރ. އަބޫ ސަފިއާގެ އިތުރުން އިޒްރާއިލްއިންވަނީ ފަލަޞްޠީނުގެ އެތައް ސަތޭކަ ސިއްޙީ ހިދުމަތްތެރިން ހައްޔަރުކޮށް 'ގެއްލުވާލާފަ' އެވެ. އެމީހުން ދުނިޔޭގައި ތިބިކަމެއް ނުވަތަ ނެތްކަމެއްވެސް ކުޑަމިނުން އާއިލާތަކަށްވެސް ނޭނގެއެވެ.
ރިއެކްޝަންސް






