
ފިލައިގެން މެލޭޝިޔާއަށް އެތެރެވާން އުޅުނު ނުރައްކާތެރި ކުށްވެރިއަކު އެގައުމަށް އެތެރެވިޔަ ނުދީ މާލެ ގެނެސް ހައްޔަރުކޮށްފި
ފިިލައިގެން މެލޭޝިޔާއަށް އެތެރެވާން އުޅުނު ނުރައްކާތެރި ކުށްވެރިއަކު އެގައުމަށް އެތެރެވިޔަ ނުދީ މާލެ ގެނެސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހައްޔަރުކުރީ ޏ.ފުވައްމުލައް ބަނަފްސާގެ ހުސައިން އަރީޝް (31 ) ކަމަށެވެ.
ހައްޔަރުކުރި މީހާއަކީ މިހާރު ހިނގަމުންދާ މާރާމާރީ ތަކަށް ތުހުމަތުކުރެވޭ, ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ފޮޓޯތައްވެސް ވަނީ އާއްމުވެފައެވެ. ފުލުހުން ވަނީ އޭނާގެ ކުށުގެ ރެކޯޑްގެ ތަފްސީލްތައްވެސް ޢާއްމުކޮށްފައެވެ. އެގޮތުން މަސްތުވާތަކެއްޗާއި, ތޫނުހަތިޔާރު ގެންގުޅުމާއި, މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ކުށްތައް ހިމެނޭ ގޮތަށް 26 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުން އޭނާ ހައްޔަރުކުރީ މާލެ އައި ވަގުތު އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ, ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދާފައި ވަނިކޮށް މެލޭޝިޔާއަށް ފުރައިގެން ދިއުމުން ކަމަށެވެ. އަނބުރާ ރާއްޖެ ގެނައީ މެލޭޝިޔާއަށް ވަނުން ހުއްޓުވާ އެހެން ފްލައިޓެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކުރި މީހާއަކީ އައިޖީއެމްއެޗް ކައިރިން މީހެއްގެ ގައިގަ މަރުތޭލަކުން ޖެހިކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.
ރިއެކްޝަންސް






