
ހިފާފައިވާ ހުޅަނގު އައްސޭރިން 40,000 އަށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން ގެދޮރުން ނެރެލައިފި: އދ
އިޒްރާއިލްއިން, ހިފާފައިވާ ހުޅަނގު އައްސޭރީގައި މި ހިނގާ ޖެނުއަރީ މަހުން ފެށިގެން ހިންގަމުންއަންނަ ޖަރީމާތަކުގައި މިހާތަނަށް 40,000 އަށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން އެމީޙުންގެ ގެދޮރުން ނެރެލާފައިވާކަމަށް އދ ގެ އެޖެންސީ ފޯ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އިން ބުނެފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލް އިން ހިންގަމުން އަންނަ 'އަޔަން ވޯލް' އޮޕަރޭޝަންތައް ޖެނިން, ތުލްކަރެމް އަދި ތުބަސް ގައި ކުރިއަށްދާއިރު އަންރްވާއިން ބުނީ ޖެނިންގެ ގެތަކަށް އިޒްރާއިލްގެ ފައުޖުތަކުން ގަދަކަމުން ވަދެގަނެ ގެތަކުގައި ތިބޭ މީހުން ހައްޔަރުކުރަމުން ދާކަމުގައެވެ. އަދި ޙަލީލް ސަހަރު (ހިބްރޫން) ކައިރީގެ ދެސަރަޙައްދަކުން އެތައް ގެއެއްވެސް ވަނީ ބުލްޑޯޒަރު ތަކުން ސުންނާފަތިކޮށްލާފައި ކަމުގައިވެސް އަންރްވާއިން ބުނެފައި ވެއެވެ.
ޖެނުއަރީ 21 ގައި, ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ދޭންފެށި ހަމަލާތަކުގައި ކޭމްޕްގައި ދިރިއުޅޭ އެންމެން ވަނީ އެތަން ދޫކޮށް ގޮސްފައެވެ. ޖެނިން ރެފިއުޖީ ކޭމްޕަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަޞްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ އެންމެ ބޮޑު ސަރަޙައްދެވެ.
މީގެ އިތުރުން ތުލްކަތެމް, ނޫރް ޝާމްސް އަދި ފަރާގައި ރެފިއުޖީން ދިރިއުޅެމުންދާ ގެތަކުން އެމީހުންވަނީ އެއްކޮށް ނެރެލާ އެސަރަޙައްދު ހުސްކޮށްފައެވެ. މިއީ ދެވަނަ އިންތިފާޞާ އަށްފަހު ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލްއިން މިހާދިގު އޮޕަރޭޝަން އެއް ހުއްޓާނުލާ ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ އޮޕަރޭޝަންތަކަށް މިހާރު ތިން ހަފުތާ ވަނީ ވެފައެވެ.
އަންރްވާއިން މައުލޫމާތުދޭ ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ހަތަރު ރެފިއުޖީ ކޭމްޕްގައި 76,600 ފަލަޞްޠީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެއެވެ.
ރިއެކްޝަންސް






