'ތާރީޚުގައި ފުރަތަމަ ފަހަރަށް' އދ ގެ އާންމު މަޖިލީހުގައި މެމްބަރުންނާއެކު އިށިއިނުމުގެ ފުރުޞަތު ފަލަސްޠީނަށް
އދ. މަޖިލިހުގަ ފަލަސްޠީނު ތަމްސީލް ކުރަނީ: ފޮޓޯ-އޭޕީ

'ތާރީޚުގައި ފުރަތަމަ ފަހަރަށް' އދ ގެ އާންމު މަޖިލީހުގައި މެމްބަރުންނާއެކު އިށިއިނުމުގެ ފުރުޞަތު ފަލަސްޠީނަށް

6 days ago - 05:57
Sep 13, 2024 - 06:09

މިމަހުގެ 10 ވީ އަންގާރަ ދުވަހަކީ ފަލަސްޠީނަށް ޙާއްސަ ދުވަހެކެވެ. ނިއު ޔޯކުގައި އޮތް 79 ވަނަ އދ ގެ އާންމު މަޖިލިސް ހުޅުވި ސެޝަންގައި އދ ގެ މެމްބަރު ޤައުމުތާކާއެކު އެއްސަފެއްގައި އިށިއިނުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ލިބުނު ތާރިޚީ ދުވަހެވެ.

ފަލަސްޠީނުން އދ ށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު, ރިޔާދް މަންސޫރު "ފަލަސްޠީނުގެ ދަޢުލަތް" ޖަހާފައިވާ މޭޒުކައިރީގައި އިންނެވީ ސުދާން އާއި ސްރީ ލަންކާ އާ ދެމެދުގައެވެ. 

މެއި މަހު ބޭއްވި އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތާއިއެކު, ފަލަސްޠީނަށް ފުރިހަމަ މެމްބަރުކަން ދިނުމުގެ މައްސަލައާމެދު އަލުން ވިސްނުމަށް ވަނީ ފާސްކޮށްފައެވެ. އެ ޤަރާރުގައި ފަލަސްޠީނަށް އިތުރު ހައްގު ތަކެއްވެސް ކަށަވަރުކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި މެމްބަރު ޤައުމުތަކާއެކު އިށިއިނުމުގެ ފުރުޞަތާއި, ހުށަހެޅުންތަކާއި އެޖެންޑާ އައިޓަމްތައް ހުށަހެޅުމާއި, ކޮމިޓި ބައްދަލުވުންތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހިމެނެއެވެ. ނަމަވެސް އަދި ވޯޓްލުމުގެ ހައްގު ލިބޭނީ ފުރިހަމަ މެމްބަރުކަން ލިބުމުންނެވެ.

މިޤަރާރު ހުށަހަޅާފައިވަނީ އަލްޖީރިއާ އިންނެވެ. އަދި 12 މެމްބަރު ޤައުމަކުން މި ޤަރާރަށް ތާއީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޖަޕާން, ފްރާންސް, ސައުތް ކޮރެއާ, ސްލޮވީނިއާ, ރަޝިއާ އަދި ޗައިނާ ހިމެނެއެވެ. ސްވިޒަލޭންޑް އަދި ޔޫކޭ އިން ވޯޓްގައި ބައިވެރިއެއް ނުވެއެވެ.

Advertisement

އިޒްރާއިލްއިން ވަނީ މިޤަރާރު ފާސްކުރުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އަދި ފުރިހަމަ މެމްބަރުކަން ނުލިބި ފަލަސްޠީން އިން އދ ގެ ދާއިމީ މެމްބަރުންނާއެކު އިށިއިނުމުގެ ފުރުޞަތު ދިނުމުން އިޒްރާއިލްއިން ވަނީ އދ ށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ފުރިހަމަ މެމްބަރަކަށް ވެވޭނީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ވެސް ވޯޓާއެކުއެވެ.

އެމެރިކާއިން އޭޕްރީލް މަހު ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގައި ފަލަސްޠީން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަން ހުށަހެޅި ހުށަހެޅުން ވީޓޯ ކޮށްފައެވެ. އެމެރިކާއިން އަބަދުވެސް ބުނަމުން އަންނަނީ އެމެރިކާއިން އެކަމަށް އެއްބާރުލުން ދޭނީ އިޒްރާއިލް އާއި ފަލަސްޠީނާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ.

ނަމަވެސް އިޒްރާއިލް ސަރުކާރުގެ ޤާނޫނީ ގޮފިން ޖުލައި 18ގައި ވަނީ ފަލަސްޠީނާއެކު މިފަދަ އެއްބަސްވުމެއް ޤާއިމްކުރުމަށް ދެކޮޅު ހަދާފައެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސުލްހައިގެ އެއްބަސްވުމުގައިވެސް ފަލަސްޠީނު ދަޢުލަތެއްކަމުގައި ބުނާބައި ހިމެނުމަށްވެސް ވަނީ ދެކޮޅުހަދާފައެވެ. 

"އދ ން ނުވަތަ ދޭދޭ ގައުމަކުން ވިއަސް ފަލަސްޠީނަށް ފުރިހަމަ މެމްބަރުކަން ލިބޭގޮތަށް ނިންމާ ކޮންމެ ނިންމުމަކީ ޓެރަރިޒަމަށް, ހާއްސަކޮށް ހަމާސްގެ ޓެރަރިސްޓުންނަށް ދޭ ހަދިޔާއެއް" އިޒްރާއިލްއިން އދ ށް ކަނޑައަޅާފައިވާ އެމްބަސެޑަރުގެ ނައިބު ޖޮނަތަން މިލާ ބުނެފައިވެއެވެ.

ފަލަސްޠީނުން ހުށަހަޅާފައިވާ "ޤާނޫނާ ހިލާފަށް ފަލަސްތީނުގެ ބިމުގައި އިޒްރާއިލްއިން ތިބޭތިބުން ނިމުމަކަށް ގެނެސް ހަމަސް ދުވަހުގެ ތެރޭގައި އިޒްރާއިލް އިން ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް" ގޮވާލާ ހުށަހެޅުމަށް އަންނަ ހަފުތާތެރޭގައި އާންމު މަޖިލީގައި ވޯޓްނަގާނެ ކަމަށް ބެލެވެއެވެ.

އިޒްރާއިލްއިން ޣައްޒާގައި މިހާރު ހިންގަމުންދާ ޤަތުލްއާންމު ހިންގަން ފެށިފަހުން ބައެއް ޤައުމުތަކުން ވަނީ ފަލަސްޠީނު ދަޢުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންކަން އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިން, ނޯވޭ އަދި އަޔަލެންޑް ހިމެނެއެވެ.

އދ ގެ 193 މެމްބަރު ގަޢުމުގެ ތެރެއިން 145 ގައުމަކުން މިހާތަނަށް ވަނީ ފަލަސްޠީން ދަޢުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. 

ޖޫން މަހު އިޒްރާއިލްއިން ވަނީ ހިޞޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤާނޫނާ ހިލާފް އިތުރު ތަންތަން ތަރައްޤީކުރަން ހުއްދަދީފައެވެ. އަދި ފަލަސްޠީނުގެ އޮތޯރިޓީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.

އިޒްރާއިލްގެ ހާރިޖީ ވަޒީރު އިޒްރާއިލް ކަޓްޒް ވަނީ އިޒްރާއިލް އިން ހުޅަނގު އައްސޭރީގައި ކުރާ އިމާރާތްތައް ހުއްޓުވާ އަދި ފަލަސްޠީނުގެ ދަޢުލަތް ޤާއިމްކުރަން އދ އާއެކު ސިޔާސީ ގޮތުން މަސައްކަތްކުރާނަމަ ފަލަސްޠީނުގެ އޮތޯރިޓީ (ޕީއޭ) ގެ ދުވަސްދުއްވާލާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow