އެމްބާޕޭ އަށް ލިބެންޖެހޭ 55 މިލިއަން ޔޫރޯ ދޭން ޕީއެސްޖީއަށް އަމުރުކޮށްފި
ބުރާސްފަތި ދުވަހު ފްރެންޗް ލީގުން މިކަން ވަނީ އެސޯސިއޭޓް ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މީގެ އިތުރު ތަފްޞީލެއް ލީގުން ހާމަކޮށްފައެއް ނުވެއެވެ. ފްރާންސްގެ އެންމެ މަޝްހޫރު ތަރި އެމްބާޕޭ ވަނީ އޭނާ ކުރިން ކުޅުނު ކުލަބް ޕީއެސްޖީ އާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ކޮމިޝަނުން ދިން ފުރުޞަތު ޤަބޫލުކުރަން ދެކޮޅުހަދާފައެވެ.
ނަމަވެސް އެމްބާޕޭގެ ފަރާތުން ތަމްސީލްކުރާ ފަރާތްތަކާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ބުދަ ދުވަހު މިމައްސަލަ އާ ގުޅޭގޮތުން ފްރާންސްގެ ވެރިރަށް ޕެރިސްގައި ބައްދަލުކޮށްފައެވެ. ބައްދަލުވުމަށްފަހު އެމްބާޕޭ ތަމްސީލު ކުރާ ފަރާތުން އެސޯސިއޭޓް ޕްރެސް އަށް ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން އެމްބާޕޭ ކޮމިޝަންގައި އެދިފައިވަނީ އެޕްރީލް, މެއި އަދި ޖޫން މަހުގެ މުސާރަ އާއި އެތިން މަހުގެ ލޯޔަލްޓީ ބޯނަސް ނަގައިދިނުމަށް ކަމަށްވެސް ރިޕޯރޓް ކޮށްފައި ވެއެވެ.
ހިލޭ ޓްރާންސްފަރ އެއްގައި އެމްބާޕޭ ސްޕެއިންގެ ރިއަލް މެޑްރިޑާ ގުޅުނީ މިއަހަރުގެ ހޫނު މޫސުމުގައެވެ.
ކޮމިޝަނުން އެންގި އެންގުމާ ގުޅިގެން ޕީއެސްޖީން ވަނީ މުސާރަ ދިނުމަށް ދެކޮޅުހަދާ, އަދި އެކަމާ ގުޅޭގޮތުން ޤާނޫނީ ފިޔަވަޅު އަލާނެކަމަށް އިޢުލާންކޮށްފައެވެ.
"އެ ނިންމުން ނިންމުމުގައި ކޮމިޝަންގެ ޤާނޫނީ ހައިސިއްޔަތު ކުޑަ. އެހެންކަމުން އަހަރެމެން މިކަން އެއަށްވުރެ ބޮޑު ޤާނޫނީ ފޯރަމަކަށް ގެންދާނަން. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އަހަރެމެން މިކަމާގުޅޭ ހުރިހާ ފެކްޓެއް (އެތަނަށް) ހުށަހަޅާނަން" އެސޯސިއޭޓް ޕްރެސްއަށް ޕީއެސްޖީން ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.
ފްރާންސްއާކު 2018 ގެ ވޯލްޑްކަޕް ހޯދި ތަރި އެމްބާޕޭއަށް އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީން ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމުގައި ކްލަބުން ބުނެއެވެ. އިތުރު ސީޒަނެއްގައި ކްލަބްގައި މަޑުނުކުރުމަށް އެމްބާޕޭ ނިންމި ނިންމުމާ ގުޅިގެން 2023-24 ގެ ސީޒަނުގައި އެމްބާޕޭ އާއި ޕީއެސްޖީގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ޕީއެސްޖީން 2022 ވަނަ އަހަރު އެމްބާޕޭއާ އެކު އެއްބަސްވުން އާކުރިއިރު ކްލަބުންވަނީ މިހާތަނަށް ކުޅުންތެރިއަކަށް ނުދޭ ވަރުގެ ފައިދާބޮޑު އެއްބަސްވުމެއް އޭނާއަށް ހުށަހަޅާފައެވެ.
ނަމަވެސް ވަކިހިސާބަކުން އެމްބާޕޭގެ ނުތަނަވަސްކަން ކްލަބާމެދު އުފެދުނީ ކްލަބުން ގެންނަށް ވައުދުވި މުހިއްމު ބައެއް ކުޅުންތެރިން ނުގެނެވުމުންނެވެ. އަދި ފާއިތުވި އަހަރުގެ ޖޫން މަހު އެމްބާޕޭ ވަނީ އޭނާ އިތުރަށް ކްލަބުގައި މަޑުނުކުރާނެ ކަން އަންގާފައެވެ.
ރިއެކްޝަންސް