ޔުނައިޓެޑްގެ އާ ކޯޗަކީ ރުބެން އަމޯރިމް ކަމަށް ކްލަބުން ރަސްމީކޮށް އިއުލާނު ކޮށްފި
މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗުގެ މަޤާމަށް ރުބެން އަމޯރިމް އައްޔަނުކޮށްފައިވާކަން ކްލަބުން އިއުލާނު ކޮށްފިއެވެ. މިކަން އިއުލާނު ކޮށްފައިވަނީ ހުކުރު ދުވަހު ކްލަބުން ނެރުނު ބަޔާނެއްގައެވެ. އޯލްޑްޓްރެފޯޑްގައި ޔުނައިޓަޑާއެކު އަމޯރިމް ވަނީ 2027 އާ ހަމައަށް 3 އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޕޯޗްގަލްގެ ސްޕޯޓިން ލިސްބަންގެ މިހާރުގެވެސް ކޯޗު, ރުބެން އަމޯރިމް ޔުނައިޓަޑާ ރަސްމީކޮށް ހަވާލުވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަމޯރިގެ އިރުޝާދުގެ ދަށުން ޔުނައިޓަޑް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު 24 ވަނަ ދުވަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. އޭގެ ކުރިން ޔުނައިޓެޑް ކުޅެން ތާވަލް ކުރެވިފައިވާ ތިން މެޗަށްވެސް އިރުޝާދު ދޭނީ ވަގުތީ ކޯޗު, ރޫޑް ވެން ނިސްޓެލްރޫ އެވެ. އަދި ލިސްބަންގެ ކުރިއަށް އޮތް ހަތަރު މެޗަށް އިރުޝާދު ދޭނީ އަމޯރިމް އެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިސްބަން މެންޗެސްޓަރ ސިޓީއާ ވާދަކުރާ މެޗުވެސް ހިމެނެއެވެ.
ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނާގޮތުން 39 އަހަރުގެ އަމޯރިމް ޔުނައިޓަޑާ ހަވާލުވާނީ ލިސްބަން ގައި މަސައްކަތްކުރާ އޭނާގެ ކޯޗިންގ ޓީމާވެސް އެކުއެވެ. އަދި އަމޯރިމް ޔުނައިޓަޑް އަށް ގެންނަން ލިސްބަންއާ އެކު ހަދަންޖެހުނު އެއްބަސްވުމަށް 11 މިލިއަން ޑޮލަރު ހަރަދުކުރަންޖެހުނު ކަމަށްވެސް މަސްދަރުތައް ބުނެއެވެ. އެއީ މިހާރުވެސް ލިސްބަންގެ ކޮންޓެރެކްޓްގައި ހުރި ކޯޗު އަމޯރިމްގެ ޓްރާންސްފަރ ފީގެ ގޮތުގައި ދައްކަން ޖެހުނު 10 މިލިއަން ޑޮލަރާއި ލިސްބަންއަށް އަމޯރިމް ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްގެ މުއްދަތު ކުރުކޮށްލުމަށް ހޭދަކުރަންޖެހުނު އެއް މިލިއަން ޑޮލަރެވެ.
މެންޗެސްޓަރ ޔުނައިޓަޑް އިން ކުރީގެ ކޯޗު އެރިކް ޓެން ހަގާ އެކު ހަދާފައިވާ އެއްބަސްވުން ފާއިތުވި ދިޔަ ހޯމަ ދުވަހު ވަނީ އުވާލާފައެވެ. ވެސްޓް ހެމް ޔުނައިޓަޑް އަތުން 2-1 ން ޔުނައިޓަޑް ބަލިވި މެޗަށްފަހު ޓެން ހާގުގެ ކޮންޓްރެކްޓް އުވާލާފައިވާ އިރު ޔުނައިޓަޑްއިން ޓެން ހާގާ އާއެކު މިފަހުން ހޯދާފައިވަނީ ދަށް ނަތީޖާތަކެކެވެ. ނަމަވެސް ޓެން ހަގް ވަކިކުރުމަށްފަހު ވަގުތީ ކޯޗް ވެން ނިސްޓެލްރޫގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވަނީ 5-2 ން މޮޅުވެފައެވެ.
ރިއެކްޝަންސް