
މީގެ ފަހުން ސިޔާސީ ޕާޓީތަކަށް މީހުންވެއްދޭނީ އީ-ފާސް މެދުވެރިކޮށްކަމަށް ކަނޑައަޅާ ޤަވައިދު ބަދަލުކޮށްފި
ސިޔާސި ޕާޓީތަކަށް މީހުން ވެއްދުމުގެ ޤަވާއިދަށް އިލެކްޝަން ކޮމިޝަނުން (އީސީ) ބަދަލުގެނެސްފިއެވެ. އީސީން މިއަދު ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3000 މީހުންގެ ފޯމާއި, އަދި މިހާރު ހުރި ޕާޓީތަކަށް މެމްބަރުން އިތުރުކުރަން ފޯމް ހުށަހެޅޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ސިމެދަ ޕޯޓަލް މެދުވެރިކޮށް އީސީގެ އޮންލައިން ޕޯޓަލްއަށް ޕާޓީތަކަށް މެމެބަރުން ވެއްދޭނީ އީ-ފާސް އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. އަދި ސިމެދަ ޕޯޓަލްއިން ޕާޓީގެ ދަފްތަރުގައި އެމީހަކު ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އިއުލާން ކުރަންވެސް އަލަށްގެނައި އިސްލާޙްގައި ވަނީ މަޖުބޫރުކޮށްފައެވެ.
އޮންލައިންކޮށް ހުށަހަޅާ ފޯމްތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަށް ބެލެހެއްޓުމަށްވެސް އާ އިސްލާޙްގެ ދަށުން ޕާޓީތަކަށް ވަނީ ލާޒިމްކޮށްފައެވެ.
އީސީން ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް މުޙިއްމު ބަދަލެއް ގެނެސްފައިމިވަނީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންވެސް ދަނީ ތަޙްޤީގްކުރަމުންނެވެ.
ރިއެކްޝަންސް






