ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މިސްކިތެއްގައި އިޒްރާއިލްގެ ވަޒަންވެރިން ހުޅުޖަހައިފި
އެމީހުން ހުޅަނގު އައްސޭރިއަށް ވަދެގަނެފައިވަނީ އިޒްރާއިލްގެ އަސްކަރިއްޔާގެ ރައްކާތެރިކަން ލިބިގެން
ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ސަލްފިޓްގައި ހުންނަ މިސްކިތެއްގައި އިޒްރާއިލްގެ ވަޒަންވެރިން ހުޅުޖަހައިފިއެވެ. ހުޅުޖެހުމަށްފަހު އެމީހުންވަނީ ނަފްރަތު ހިމެނޭ ލިޔުންތައް މިސްކިތުގެ ފާރުގައި ސްޕްރޭކޮށްފައެވެ. އޭގެ ތެރޭގައި "ބަދަލުހިފުން" އަރަބިންނަށް މަރު" ފަދަ ލިޔުންތައް ހީބްރޫ ބަހުން (އިޒްރާއިލްގެ ބަސް) ލިޔެފައިވެއެވެ.
ސަލްފިޓްގެ ގަވަރުނަރު, ޢަބްދުالله ކާމިލް ރޮއިޓާސް އަށް ބުނި ގޮތުގައި މަރްދާ އަވަށުގައި ހުންނަ ބަރް އަލް-ވާލިދައިން މިސްކިތަށް ހަމަލާދިން އިޒްރާއިލްގެ ވަޒަންވެރިންނަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ވާގިވެރި ވެފައެވެ. އެގޮތުން އެމީހުނަށް ރައްކާތެރިކަމާ ހިމާޔަތް އިޒްރާއިލްގެ އަސްކަރިއްޔާއިން ދީފައިވާ ކަމަށް ކާމިލް ބުނެފައިވެއެވެ.
ވިލެޖްގެ އަހުލުވެރިންނާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި މިސްކިތަށްވަންނަ ދޮރުގައި އެމީހުން (އިޒްރާއިލްގެ ވަޒަންވެރިން) ވަނީ ހުޅުޖަހާ ހީބްރޫ ބަހުން ނަފްރަތު އެކުލެވޭ މެސެޖްތައް ލިޔެފައެވެ. ނަމަވެސް މުޅި މިސްކިތުގައި އެއްކޮށް ހުޅު ހިފުމުގެ ކުރިން އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ވިލެޖްގެ އެހެން މީހަކާ ހަވާލާދީ އޭއެޕްފީއިން ރިޕޯޓްކޮށްފައި ވެއެވެ.
މަރްދާ އަވަށުގެ ކައުންސިލްގެ އެންމެ އިސް ފަރާތް, ނަސްފަތު އަލް-ޚުފްސަޙް ވެސް ވަނީ މި ހަމަލާ ދީފައިވާކަން ޔަޤީންކޮށްދީފައެވެ. ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އޭނާވަނީ މިސްކިތަށްދިން ޓެރަރިސްޓް ހަމަލާއަކީ ޤާނޫނާ ޙިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ އިޒްރާއިލްގެ މީހުންގެ ހަމަލާއެއްކަމަށް ބުނެފައެވެ.
އިޒްރާއިލްއިން ޙިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ރައްޔިތުން ވަޒަންވެރިވުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށް އދ ން ވަނީ ކަނޑައަޅާފައެވެ.
ރިއެކްޝަންސް