ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ހުންގާނު ދިން މީހާގެ ދެ މައްސަލައެއް ބަލަނީ
ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ހުންގާނު ދިން މީހާގެ ދެ މައްސަލައެއް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދައުރަވަމުން ދިޔަ ވީޑިއޯއަކާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައަކީ ސިނަމާލެ ބްރިޖްގައި ސައިކަލެއްގައި ދިޔަ ދިވެހި ފިރިހެނަކު, ސައިކަލްގެ ހުންގާނު ކުޑަކުއްޖަކަށް ދީގެން ކޮންޓްރޯލް ދޫކޮށްލައިގެން އިން މައްސަލައެކެވެ. އެވީޑިއޯއަކީ ހައިވޭއިން އެވަގުތު ދަތުރުކުރި ކާރެއްގެ ތެރޭގައި އިން މީހަކު ނެގި ވީޑިއޯއެކެވެ.
ފުލުހުން ބުނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެސައިކަލް ދުއްވި މީހާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ތަހުގީގު ކުރަނީ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލައެވެ. މީގެއިތުރުން ޓްރެފިކް ޤާނޫނާ ހިލާފްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯރޓް މިނިސްޓްރީނއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދީފައެވެ. އެވީޑިއޯ ދައުރުވުމާ ގުޅިގެން އާއްމުން ގެންދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް, ސައިކަލް ދުއްވި މީހާއަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
މިފަހުން ފުލުހުން ވަނީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް, ވާދައަށް ސްޕީޑް ލޯންޗް ދުއްވި މައްސަލައެއްވެސް ބަލަން ފަށާފައެވެ. އެމައްސަލާގައި ތިން ލޯންޗް ދުއްވި ކެޕްޓަނުންގެ ލައިސަންސް ވަގުތީ ގޮތުން ވަނީ ހިފަހައްޓާފައެވެ. އަދި ދާއިމީ ފިޔަވަޅު އެޅުމުގެ ކަންކަން ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް