އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ކުޅުދުއްފުށި ސިޓީގައި
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ކުޅުދުއްފުށި ސިޓީގައި އޮންނާނެއެވެ.
ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ކައުންސިލަރުންގެ ކޮންފަރެންސަކީ އުތުރުގެ ތިން އަތޮޅުގެ އެމްޑީޕީ ކައުންސިލަރުންނާއި, ޑަބްލިޔުޑީސީގެ މެމްބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. 80 ވަރަކަށް ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެއެވެ.
މިކޮންފަރެންސްގައި ބައިވެރިވުމަށް އެމްޑީޕީގެ ލީޑަރޝިޕް މިހާރު އޮތީ ކުޅުދުއްފުށީގައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި, އެމަނިކުފާނުގެ ދައުރުގައި ނައިބުރައީސްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމާއި, އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލާއި, ޕާޓީގެ ރައީސް އަބްދުالله ޝާހިދު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުންވެސް އެމްޑީޕީގެ މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުންވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމާއި, ތިނަދޫ ސިޓީގެ މޭޔަރާއި, ފުވައްމުލަކު ސިޓީގެ މޭޔަރާއި, އައްޑޫ ސިޓީގެ މޭޔަރުވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ މިސަރުކާރުން ލާމަރުކަޒީ ނިޒާމް ހަލާކުކޮށްލާކަމުގެ ތުހުމަތާއެކު ގައުމީ މަޖިލިހުގައި ކުރެވުނު މަޝްވަރާގެ ތެރެއިން އުފަންވި ކޮންފަރެންސެކެވެ. ކޮންފަރެންސްގެ ބޭނުމެއްކަމަށް އެމްޑީޕީން ބުނީ ލާމަރުކަޒީ ނިޒާމް ހަލާކުވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ. ކޮންފަރެންސްގެ ނިންމުންތައް ތަންފީޒުކުރަން ސަރުކާރަށް ގޮވާލާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ރިއެކްޝަންސް