ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމައިގަ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި

ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމައިގަ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި

ޖަނާޒާ މިއަދު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

13 hours ago - 13:16
Jul 28, 2025 - 13:17
Advertisement
Advertisement

އިއްޔެ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އެރުވި ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، އިން  ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ޙަސަން ޞާބިރު އަވަހާރަވީ 73 އަހަރުފުޅުގައި ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ.

ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤްތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ވަޒީރެއްގެ ގޮތުން ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރެއްވިއެވެ. އަވަހާރަވީ އިރު ހުންނެވީ ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމްގައެވެ. އެމަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވީ މިދިޔަ ސަރުކާރުގައި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ޙަސަން ޞާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ޙަސަން ޞާބިރު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވާފައެވެ.

ޙަސަން ޞާބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 ން 27 ފެބުރުވަރީ 2005ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.

Advertisement
Advertisement

ޙަސަން ޞާބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement