
އޮރެންޖް ހިޔާގައި ޤާއިމްކުރި އާ ތެލެސީމިޔާ ސެންޓަރު ރައީސް ހުޅުއްވައިދެއްވައިފި
އޮރެންޖް ހިޔާގައި ޤާއިމްކުރި އާ ތެލެސީމިޔާ ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އާ ސެންޓަރުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައްވެސް ހިމެނެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރު ބައްލަވާލެއްވިއެވެ. އަދި އެ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއެއްސެވިއެވެ.
މިގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮތުމުން އެ މަޝްރޫޢަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އަވަހަށް ކުރިއަށްގެންދިޔައީ ސިފައިންނާއި ހަވާލުކުރައްވައިގެންނެވެ. ސިފައިން ވަނީ ގާތްގަނޑަކަށް 1 މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކޮށްފައެވެ.
ސެންޓަރުގެ ޚިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފައެވެ. އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ވަނީ ހަމަޖައްސާފައެވެ. އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުންވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތަޢާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ޚިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ.
ރިއެކްޝަންސް






