
ރާއްޖެއާއި މެލޭޝިޔާއިން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފި
ޑިފެންސްއާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ. ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމާއި ދެމެދު އެވެ. މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.
މަތީ ފަންތީގެ މަޝްވަރާތަކުގައި ދެ ޤައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށް ތިއްބެވިއެވެ. މަޝްވަރާތައް ކުރިއަށް ގެންދެވީ ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގައެވެ.
ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގުމުއްދަތަކަށް މި ގުޅުން ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، ރައީސް ޑރ.މުޙައްމަދު މުއިއްޒު ފާހަގަކުރެއްވި ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒު ފާހަގަކުރެއްވި ދާއިރާތަކުގެ ތެރޭގައި ޑިޖިޓަލް ދާއިރާ އާއި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، އަރޓިފިޝަލް އިންޓެލިޖަންސް އަދި ސައިބަރ ސެކިއުރިޓީ ހިމެނެއެވެ. އެ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ، ދެ ޤައުމަށްވެސް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އޭގެތެރޭގައި ޑިފެންސާ ގުޅުންހުރި ދާއިރާ ހިމެނެއެވެ.
ދެގައުމުން ސޮއިކުރާ ފަހުމުނާމާތަކަކީ ދެޤައުމުގެ ދޭދޭ ގުޅުމަށް ފައިދާކުރަނިވި ފަހުމުނާމާތަކަކަށް ވާނެ ކަމަށާއި، އަދިވެސް އިތުރު ދާއިރާތަކުން އެއްބާރުލުންދީ، ގުޅުން ބަދަހިކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަން، މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސަވައިދެއްވާފައިވާ ލުއިފަސޭހަކަން ރައީސުލްޖުމްހޫރިއްޔާ މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަން ދެ ޤައުމުގެ ލީޑަރުންވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރިއަށް ގެންދެވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، ފަހުމްނާމާތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ ސޮއިކުރައްވާފައެވެ.
ރިއެކްޝަންސް






