
ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި
ހަމަލާދިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ
ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ. މަރާލާފައިވަނީ އެރަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމްއެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނުއެވެ. ފުލުހުން ވިދާޅުވީ އެއިދާރާއަށް މައްސަލަ ރިޕޯރޓް ކުރީ 10:12 ހާއިރު ކަމަށެވެ. އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މިއީ ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ކަމަށެވެ. މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ މާވަށުގައި ހުރި ހދ.ނޮޅިވަރަންފަރު މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ 29 އަހަރުގެ ނޮޅިވަރަންފަރު, މަންޒިލް މުޙައްމަދު އިބްރާހީމް އެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






