ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން- ރައީސުލްޖުމްހޫރިއްޔާ
ރައީސް މުއިއްޒު އަށް ވެލިދޫން ކުޑަކުއްޖަކު މަރުހަބާ ކިޔަނީ: ފޮޓޯ-ރައީސް އޮފީސް

ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން- ރައީސުލްޖުމްހޫރިއްޔާ

2 days ago - 08:40
Jul 24, 2025 - 08:40
Advertisement
Advertisement

ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅުދެއްކެވީ ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ތަރައްޤީ އަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވަމުން, އެމަނިކުފާނު ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ބެލެވޭ ގޮތުގައި ރައީސް އިޝާރާތްކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް އަށެވެ.

"ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާއި ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒާތީ، އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން ކަމަށެވެ. އަދި ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement