
ވެލިދޫގައި ސީޕްލޭން ޕްލެޓުފޯމަކާއި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށާނެކަން ރައީސް އިޢުލާން ކުރައްވައިފި
ނ. ވެލިދޫގައި މޫދަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން ޕްލެޓުފޯމެއް ތަރައްޤީކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ އިތުރުން، އެހެން ކަންކަންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ވެލިދޫގައި މިހާރުވެސް ބައެއް މަޝްރޫޢުތައް ފެށިފައިވާކަމަށެވެ. އޭގެ ތެރޭގައި އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަޢުދުވެފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް އިމާރާތްކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ވެލިދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ތާރު އެޅުން ވަރަށް އަވަހަށް ނިންމައިދެއްވާނެކަމަށާއި، ބަނދަރުގައި ހުރި މައްސަލަތައްވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއިން ވެލިދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި، މިހާރުގެ ސިއްޙީ މަރުކަޒަށް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ފެންވަރު ރަނގަޅުކުރުމަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މަލްޓިޕާޕަސް ހޯލަކާއި ފުޓްސަލް ދަނޑެއް މިއަހަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތަޢުލީމީ ދާއިރާއަށް ބަލާއިރު، ވެލިދޫގައި ހުރި ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، ލައިބްރަރީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1 ބިލިޔަން ރުފިޔާ ހިމަނައި، އޭގެ ތެރޭގައި ވެލިދޫގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވެލިދޫގައި ސީޕްލޭން ޕްލެޓު ފޯމެއް ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށާއި، އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެ ކަމަށެވެ. މިހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދަވާނީ ނުހުއްޓޭނެހެންކަމަށާއި، ވެލިދޫގެ ތަރައްޤީއަށް ސަރުކާރުން ވަރަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރިއެކްޝަންސް






