މާލޭގެ އުތުރު ފަރާތު ތޮށިގަނޑުގެ ބައެއް ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ޚާއްސަކޮށްފި
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ބޭނުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއް ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށެވެ.
ކުރީން ވެސް މި ސަރަޙައްދުގެ ބައެއް އޮންނަނީ ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްފައެވެ. ނަމަވެސް، މިހާރު މި ނިންމުން ނިންމާފައިވަނީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން އެ ސަރަޙައްދު އައުކޮށް ތަރައްޤީކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ބޮޑު ސަރަޙައްދެއް ތަރައްޤީކޮށް ނިންމާ، އާންމުންނަށް ހުޅުވާލާފައެވެ. މި މަޝްރޫޢަކީ މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދަތުރުފަތުރާއި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ނިންމުމާއެކު، ސަލާމަތީ ބާރުތަކުގެ އުޅަނދުފަހަރަށް ބޭނުންވާ ޖާގަ އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





