ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

2 hours ago - 08:03
Advertisement
Advertisement

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި އައު ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް އަރުވައިފިއެވެ.


މި ރަސްމިއްޔާތު ބާއްވާފައިވަނީ ޤަޠަރުގެ ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު އާދަމް ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ އަމީރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި، ޤަޠަރު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ދެމުންގެންދާ އެއްބާރުލުމަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މި ބައްދަލުވުމުގައި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ޤަޠަރުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ފަޚުރެއްކަން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ދެ ޤައުމުގެ ޚާރިޖީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ ދެއްކެވި ވާހަކަފުޅުގައި، ސަފީރު އާދަމް ޝަރީފަށް މަރުޙަބާ ވިދާޅުވެ، މަޤާމުގެ ޒިންމާ އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި އައު ސަފީރުގެ ދައުރުގައި ރާއްޖެއާއި ޤަޠަރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް އަމީރު ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙްސީން ބައިވެރިވެވަޑައިގެންނެވިއެވެ. ޤަޠަރަކީ ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކުގައި މުހިންމު ބައިވެރިއެކެވެ. އައު ސަފީރަކު އައްޔަންކުރެއްވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ސިޔާސީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement