ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި ގެންގޮސްފި

ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި ގެންގޮސްފި

2 hours ago - 20:48
Advertisement
Advertisement

ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ އަސާސީ ސާމާނާއި، ލޭބަރ އެކޮމޮޑޭޝަން ބްލޮކް ބިނާކުރުމަށް ބޭނުންވާ ތަކެތި އެ ރަށަށް ބޭލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.


މި މަޝްރޫއަކީ ކުޑަހުވަދޫގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އެ ސަރަހައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.


ޖުމްލަ 181 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. 50 އެނދުގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.


ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، އަލަށް ބިނާކުރާ މި ހޮސްޕިޓަލާއެކު މެމޯގްރަފީ، ދަތުގެ ފަރުވާ، އަދި ކަށީގެ ބަލިތަކަށް ހާއްސަ ފަރުވާ ފަދަ މުހިންމު ސިއްހީ ހިދުމަތްތައް އެ ސަރަހައްދުން ލިބިގެންދާނެއެވެ. މީގެ އިތުރުން، ޕްރައިވެޓް ރޫމްތަކާއި، މުވައްޒަފުންގެ އެކަމޮޑޭޝަނާއި، ސިއްހީ ދާއިރާގެ ފަންނުވެރިން ތަމްރީނުކުރާނެ ވަސީލަތްތައްވެސް މި ހޮސްޕިޓަލުގައި ގާއިމުކުރެވޭނެއެވެ. ހަމައެއާއެކު، ކުއްލި ފަރުވާގެ ހިދުމަތާއި، ފްލޫ ކްލިނިކް އަދި އައިސޮލޭޝަން ޔުނިޓްތައްވެސް މި އިމާރާތުގައި ހިމެނުމަށް ވަނީ ރޭވިފައެވެ.


އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަލުވި ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. މީގެތެރޭގައި މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން، ސިއްހީ ދާއިރާގެ މުހިއްމު ބިނާތައް ބިނާކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. މި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، ދ. އަތޮޅުގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement