
ރާއްޖޭގެ މިނިވަން އުފަލުގައި ބައިވެރިވުން, މޯދީއަށް ޝަރަފެއް!
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި ބައިވެރިވެވަޑައިގެންނެވުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަން އަމިއްލަފުޅަށް އިއުލާނުކުރައްވާފައެވެ.
މޯދީ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރާ ހިނދު އެކަމުގައި ބައިވެރިވެވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ.
އިންޑިޔާއާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭކަންވެސް މޯދީ ފާހަގަކުރެއްވިއެވެ. މޯދީގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާއެކު ރަސްމީ ވާހަކަތައްވެސް ބާއްވާނެއެވެ. އެކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ, ބަދަހިވެގެންދާނެ ކަމެއްކަމަށެވެ.
މޯދީ ރާޖެއިން ފުރާވަޑައިގަންނަވާނީ މިނިވަން ދުވަސް ކަމަށްވާ 26 ވަނަ ދުވަހުއެވެ. މިސަރުކާރުގެ ކުރީކޮޅު އިންޑިޔާއާއެކު އޮތް ގުޅުން ގޯސްވިނަމަވެސް އެގުޅުން މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އިންޑިޔާއަށް ވަޑައިގަންނަވާފައެވެ.
ރިއެކްޝަންސް






