
ޣައްޒާ ބަނޑަށް ޖެއްސީ އިޒްރާއިލްއިން ކަން ކަނޑައަޅަން އިތުރު ހެއްކެއް ބޭނުމެއްނުވޭ: ޑަބްލިއުއެޗްއޯގެ ވެރިޔާ
ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ހައިހޫނު ކަމަކީ އިޒްރާއިލްއިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމުގެ ސަބަބުން ބަނޑަށްޖެހި, ޖެހިފައިވާ ހާލަތެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވެއްޖެއެވެ.
ޓެޑްރޯސް މިހެން ވިދާޅުވެފައިވަނީ އިއްޔެ 100 އަށްވުރެ ގިނަ ޖަމްއިއްޔާ / ޖަމާއަތުން ޣައްޒާގެ ރައްޔިތުންގެ ހައިހޫނު ކަމުގެ ހާލަތާ ގުޅޭގޮތުން ދިން އިންޒާރަށްފަހު އެވެ. ޖަމްއިއްޔާތަކުން ވަނީ ޣައްޒާއަށް ނުވަދެވި އެތައްހާސް ޓްރަކެއްގެ ކާބޯތަކެތި ބޯޑަރުގައި ހުރެ ހަލާކުވަމުންދާއިރު ހައިހޫނުކަމުގައި ޣައްޒާއިން 111 މީހުން ބަނޑަށް މަރުވެފައިވާ ކަމަށްބުނެފައެވެ. އަދި އިޒްރާއިލްއިން އެކަމުގެ ޒިންމާ ނަގަންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.
"އަހަންނަކަށް ނޭނެގެ މިހާލަތަށް ބަނޑަށްޖެއްސުން ނޫން އެހެން ނަމެއްކިޔާކަށް. މިއީ ގަސްތުގައި ކުރިމަތިކުރިވާފައިވާ ހާލަތެއް. އެކަން ވަރަށް ސާފު. އެކަމަށް މެދުވެރިވި ސަބަބަކީ ޣައްޒާ ބްލޮކޭޑް (ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން)" ޖެނީވާއިން ލައިވްކުރި ޕްރެސް ކޮންފަރެންސްގައި ޓެޑްރޯސް ވިދާޅުވިއެވެ.
އިޒްރާއިލްއިން ވަނީ މިއަހަރުގެ މާޗު މަހުން ފަށިގެން ޣައްޒާއަށް އިންސާނީ އެހީ ވަނުމުގެ ހުރިހާ މަގެއް ބަންދުކޮށްފައެވެ.
ހައިހޫނު ކަމުގައި ޣައްޒާއިން އިއްޔެވެސް ވަނީ 10މީހުން މަރުވެފައެވެ. ހައިހޫނު ކަމުގައި އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑުން ނިއުޓްރިޝަން މަދުވެ 80 ކުޑަކުދިން މިހާތަނަށް ވަނީ ދުނިޔެ ދޫކޮށްފައެވެ. މަލްނިއުޓްރިޝަން އާ ގުޅޭ ކަންކަމުގައި މިހާރުވެސް އެތައްސަތޭކަ ކުޑަކުދިންނަށް ޣައްޒާގައި ދަނީ ފަރުވާ ދެމުންނެވެ.
ރިއެކްޝަންސް






