ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ބަނގްލަދޭޝް މީހަކު ވޭޕާއެކު ހައްޔަރުކޮށްފި
ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ވޭޕާއެކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ފުލުހުން ހައްޔަރުކުރީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. އެއީ 27 އަހަރުފެ އަބޫ ސުފްޔާން އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. 
މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
 މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވި ކަމަށްވެސް ފުލުހުން ބުންޏެވެ.
 މި ދެ މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        






                                                                                                                                            
                                                                                                                                            
                                                                                                                                            
