މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
މާލެ ސަރަހައްދުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މެއި މަހުގެ 5 ވަނަ ދުވަހު ހިންގި މި ކާމިޔާބު އޮޕަރޭޝަނަކީ، މެއި 4 ވަނަ ދުވަހު ރާއްޖެއައި ފްލައިޓަކުން އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔައީ 'ކޮންޓްރޯލް ޑެލިވަރީ' އޮޕަރޭޝަނެކެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
- ޢަބްދުﷲ ރާއިފް (27އ)، ލ. ކަލައިދޫ / ހިޔާވަހި
- އެމްޑީ ޖޯޝިމް އުއްޑިން (43އ)، ބަންގްލަދޭޝް
- މަމުން ދަލި (32އ)، ބަންގްލަދޭޝް
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، އިތުރު 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މިއާއެކު، ކަސްޓަމްސްއިން ހަވާލުކުރި ތަކެއްޗާއެކު ޖުމުލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





