
އޯލެވެލްގައި ކާމިޔާބު ހޯދާ ދަރިވަރުން ވާނީ ގައުމުގެ ފަހުރަކަށް: ރައީސް މުޢިއްޒު
މިއަދު ފެށި އޯލެވެލް އިމްތިހާނުގައި ކާމިޔާބު ހޯދާ ދަރިވަރުން، މި ގައުމު ފަހުރުވެރިވާނެ ހިދުމަތްތެރި ދަރިންތަކަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިމްތިހާނު ފެށުމާ ގުޅިގެން އެކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެސްއެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިހާނުގެ މުއްދަތު ވެގެންދިއުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި މިއަހަރުގެ އިމްތިހާނުތައް ކުރިއަށް ދަނީ މުޅި ރާއްޖޭގެ 260 ސެންޓަރެއްގައެވެ. އިމްތިހާނުތައް ކުރިއަށްދާނީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އިމްތިހާނުތަކުގައި ބައިވެރިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ/މާޗް މަހު އޮންނާނީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންގެ އިމްތިހާނެވެ.
ރިއެކްޝަންސް






