ފަތުރުވެރިކަމުގައި ތާރީޚީ ދުވަހެއް, އެއް އަހަރެއްގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން
އަންނަ އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައިގަރުނުވާން ކައިރިވެފައިވާއިރު މިއަދަކީ ތާރީޚީ ދުވަހެކެވެ. އެއް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މިއަދު މިވަނީ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަށް ދިވެހިރާއްޖެ މަރުޙަބާ ކިޔާފައެވެ.
ދެ މިލިއަން ވަނަ ފަތުރު ވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްއިން މަރުޙަބާ ދެއްނެވީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު, އިބްރާހިމް ފައިސަލްއެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފް ހޯދީ ފިރިމީހާ އާއި ދެކުދިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައި އޮސްޓްރޭލިއާގެ އަންހެނެކެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަންވަނަ ފަތުރު ވެރިޔާއަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަރުތުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިއަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރުގެ އަމާޒަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަހަރަށްވުރެ 15 އިންސައްތަ އިތުރުކުރުން ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އަހަރެއްކަމަށާއި, ގިން ރެކޯޑްތަކެއް ހެދުނު ކާމިޔާބު އަހަރެއް ކަމުގައެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންގެ މި އަމާޒު 15 އިންސައްތައިގެ ކުރިއެރުން މިއަންނަ އަހަރު ހޯދޭނެކަން. ރެވެނިއުއަށް ބަލާއިރުވެސް އެކަން ވާނީ ވަރަށް ބޮޑު ކުރިއެރުމަކަށް. މިއަހަރު ގިނަ ރެކޯޑް ތަކެއް މިވަނީ ޙާސިލް ކުރެވިފައި. އެންމެ ގިނަ ޓޫރިސްޓުން އެއްމަހެއްގައި އައީ މިއަހަރުގެ ފެބުރުވަރީ މަހު. އެއީ ދެ ލައްކަ ސަތާރަ ހާސް ފަތުރުވެރިން. އަދި ރާއްޖޭގެ ތާރީޚްގައި އެންމެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަކުރެވުނީވެސް މިއަހަރު. ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީވެސް ހަމަ މިއަހަރު" ވަޒީރު ވިދާޅުވިއެވެ.
ވަޒިރު އިތުރަށް ވިދާޅުވީ މަޤާމާ ހަވާލުވެވަޑާއިގެންނެވި އިރު ގޮންޖެހުންތަކެއް ހުރިކަމަށައި, އިންޑިއާ މާކެޓް ދަށްވެވެފައި އޮތުމަކީވެސް އޭރު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް މިއީ ފަތުރުވެރިކަމާގުޅޭ އެންމެހާ އިދާރާތައް ގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމުގައެވެ. އަދި މިއަހަރު ދެމިލިއަން ފަތުރުވެރިން ހަމަކުރުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމުގައެވެ.
ރިއެކްޝަންސް