ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅުވައިގެން ޒާތީ މަޢުލޫމާތު ހާމަނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި
އިތުބާރު ހުރި މަޤާމެއްގައި ހުރި ފަރާތަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި، އަދި އެފަދަ އެހެނިހެން މައްސަލަތަކުގައިވެސް ކުއްޖާގެ ކަރާމާތް ގެއްލޭގޮތަށް ޒާތީ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ޢާންމު ނުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އަންގަވައިފިއެވެ.
އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކުޑަކުދިންނަކީ ޢާއިލާއާއި، މުޅި މުޖުތަމަޢާއި، އަދި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ފުރިހަމަ ރައްކާތެރިކަން ލިބެންޖެހޭ ބައެކެވެ. ނަމަވެސް، ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާއާއި އެކި ޕްލެޓްފޯމުތަކުގައި ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވަމުން އެ ވުޒާރާއިން ހަނދާންކޮށްދެއްވީ، އެއްވެސް ކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ޒާތީ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުށެއްގެ ތުހުމަތު ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ އަދި އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ސްކޫލް ނުވަތަ މަރުކަޒު ފަދަ މަޢުލޫމާތު ހާމަކޮށްގެން ނުވާނެއެވެ. އަދި ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް އެއީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ ކުއްޖާގެ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުމަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ.
ޢާއިލާއާ ބެހޭ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ޢާންމު ރައްޔިތުން ކަންކަމާމެދު ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެނޫންވެސް އެހެން އެއްވެސް މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި، ކުޑަކުދިންނާ ގުޅޭ މިފަދަ ނާޒުކު މަޢުލޫމާތުތައް ޢާންމުކުރުމަކީ އެކުދިންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުން ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށާއި މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ އަދި އަޚްލާޤީ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ ތަޞްވީރެއް އެއްވެސް މަންސައެއްގައި ޢާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކަށް ހަރުކަށިކޮށް އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް





