ރިސޯޓެއްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

ރިސޯޓެއްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

5 hours ago - 11:16
Advertisement
Advertisement

ދިވެހިރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި އެއް ޖިންސުން ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާންމުވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.


ފުލުހުން ހާމަކުރި ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގުމާއި އެފަދަ ކައިވެނިތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމަށް ވާތީ، އެ މައްސަލައާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާތީ، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކާއި، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ފުލުހުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މެދުވެރިކޮށްވެސް މިފަދަ ލަދުވެތި، ޣައިރުޤާނޫނީ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ވަނީ އަންގާފައެވެ.


މީގެއިތުރުން، ރާއްޖޭގެ ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފަށް މިފަދަ ދީނާއި ބިމުގެ ޤާނޫނު މަނާކުރާ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ޚިދުމަތުން ވަނީ ދީފައެވެ.


ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ދެ ފިރިހެނުންގެ އެ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައެވެ. އަދި އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ މަންޒަރު ބަލަން ތިބިތަން ވީޑިއޯއިން ފެނިގެންދެއެވެ. އިސްލާމީ މުޖުތަމަޢެއްގައި މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ކަންކަން ހިންގުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement