ހުޅުމާލޭ ލަކުޑި ޖެޓީގެ އުތުރު ފާލަން މަރާމާތަށްފަހު އަލުން ހުޅުވާލައިފި
އުޅަނދެއް ޖެހި ލިބުނު ގެއްލުންތަކާ ގުޅިގެން މަރާމާތުކުރުމަށް ބަންދުކުރި ހުޅުމާލޭ ލަކުޑި ޖެޓީގެ އުތުރު ފާލަން، މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު މިއަދު އަލުން ޢާންމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލޭ ލަކުޑި ޖެޓީގެ އުތުރު ފާލަން ވަގުތީ ގޮތުން ބަންދުކުރީ، އެތަނަށް ބާޖެއް ކައިރިކުރަން އުޅުމުގެ ތެރޭގައި ޖެހި، ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ހާދިސާއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފަހުން، މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އެޗްޑީސީން އެ ފާލަން މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް ފެށިއެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، މިއަދު ވަނީ އަލުން ބޭނުންކުރަން ފަށާފައެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުންނާއި، ޚާއްޞަކޮށް ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކާއި އެހެނިހެން ކަނޑުއުޅަނދުފަހަރުން މީހުން އަރައި ފޭބުމަށް އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މުހިންމު ފާލަމެވެ. މި ފާލަމަށް ގެއްލުންވެ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެހެންނަމަވެސް، ފާލަމުގެ މަރާމާތުގެ މަސައްކަތްތައް ފުރިހަމަކޮށް މިއަދު އަލުން ޚިދުމަތް ދޭން ފެށުމާއެކު، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވި ދަތިތަކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ކަންކަން ކުރިއަށްވުރެ ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
ރިއެކްޝަންސް





