ކުވެއިތު ފަންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ އެހީގެ ލިމިޓު 40 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ކުވެއިތު ފަންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ އެހީގެ ލިމިޓު 40 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

8 hours ago - 10:05
Advertisement
Advertisement

ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓު، 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރަން ނިންމައިފިއެވެ.


މި މުހިންމު ނިންމުން ހާމަކުރެއްވީ ތ. އަތޮޅު ހޮސްޕިޓަލު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ވެވުނު މާލީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލްބަދަރެވެ.


އަލްބަދަރް ފާހަގަކުރެއްވި ގޮތުގައި މި ލިމިޓު ބޮޑުކުރުމަށް ނިންމެވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ހުށަހެޅުއްވި އެދިލެއްވުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. އަދި އަންނަ އަހަރުން ފެށިގެން މި ބަދަލަށް ޢަމަލުކުރަން ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އަންނަ އަހަރު ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަށް ފައިސާ ހަމަޖެއްސުމުގައި އެހީތެރިވުމަށް ވަޒީރު އެދިވަޑައިގެންފައިވާތީ، އެކަމާ ގުޅޭ މަޝްވަރާތައް ވަގުތުން ފަށާނެކަމުގެ ޔަޤީންކަންވެސް އެ ފަންޑުން ވަނީ ދީފައެވެ.


ކުވެއިތު ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭތާ މިހާރު ބައިޤަރުނު ވެފައިވާއިރު، ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އެ ފަންޑުން ވަނީ 185 މިލިއަން ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މީގެތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، އައު ޓާމިނަލް އަދި ފުވައްމުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.


ތ. އަތޮޅު ހޮސްޕިޓަލްގެ މަޝްރޫޢަކީ 3 މިލިއަން ކުވެއިތީ ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން ޑޮލަރު) ގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި ކުވެއިތު ފަންޑުން އަދާކުރާ އަގުހުރި ދައުރަށް ދިވެހި ސަރުކާރުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement