ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ރިއަލްމެޑްރިޑްގެ ކުޅުންތެރިންގެ ވަރުގަދަ ނިންމުމެއް, ޓީމް އެކީ ދަނޑުން ފައިބާނެ: ވިނީޝިއުސް ޖޫނިއަރ
ވިނީޝިއުސް އަށް ވަނީ އެކިފަހަރު މަތިން ނަސްލީ ތަފާތުކުރުމާ ކުރިމަތިވެފަ
ލަލީގާގެ މި ސީޒަންގައި ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ނަސްލީތަފާތުކުރުން ކުރިމަތިވެއްޖެނަމަ ޓީމުގެ ހުރިހާ ކުޅުންތެރިން މެޗް ދޫކޮށް ދަނޑުން ފައިބަން ތައްޔާރަށް ތިބިކަމަށް ވިނިޝިއުސް ޖޫނިއަރ ބުނެފިއެވެ.
ބްރެޒިލްގެ ފޯވާޑް ވިނީ ޖޭއާރަށް އަމާޒުކޮށް ފާއިތުވި ދުވަސްތަކުގައި ވަނީ އެކިފަހަރުމަތިން ވަރަށްބޮޑަށް ނަސްލީ ގޮތުން ތަފާތުކޮށްފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ވެލެންސިއާގެ މަސްޓައްލާ ސްޓޭޑިއަމްގެ ހާދިސާ ފާހަގަކޮށްލެވެއެވެ.
އެ ހާދިސާ އާ ގުޅިގެން މިއަހަރު ކުރީކޮޅު 3 ސަޕޯޓަރަކު ޖަލަށް ލާން ވެލެންސިއާގެ ކޯޓުން ހުކުމްވެސް ކުރިއެވެ. މިއީ ސްޕެއިންގައި ލަލީގާގެ ތާރީޚްގައިވެސް މިފަދަ އަމަލަކާ ގުޅިގެން ސަޕޯޓަރަކަށް އެކަހަލަ ހުކުމެއް އައި ފުރަތަމަ ފަހަރެވެ.
ވިނީ އަށް އެކިފަހަރުމަތިން ބާސެލޯނާ, މަޔޯކާ, ވަޔަޑޮލިޑް, ޕަމްޕްލޯނާ, ސެވިއްޔާ އަދި އެތްލެޓިކޯ މެޑްރިޑް އިންވެސް ވަނީ ނަސްލީ ތަފާތުކުރުމުގެ ހާދިސާތަކާއި ފުރައްސާރަ ކުރިމަތިވެފައެވެ.
ސީ.އެން.އެންގައި ބުދަ ދުވަހު ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ވިނީޝިއުސް ބުނެފައިވަނީ އެކަހަލަ އިތުރު ހާލަތެއް ކުރިމަތިވެއްޖެނަމަ މިފަހަރު ޓީމުން އަމަލުކުރާނީ ތަފާތުކޮށް ކަމަށާއި, ވަގުތީ ގޮތުން މެޗުގެ ކުޅުން ހުއްޓާލާ ޓީމު ދަނޑުން ފައިބާނެ ކަމަށެވެ.
"ކްލަބްގައި އަހަރެމެން މިހާރު ވަރަށް ބޮޑަށް މިވާހަކަ ދައްކަން. ހަމައެކަނި އަހަންނެއްނޫން. ހުރިހާ ކުޅުންތެރިންވެސް ބުނި އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ އެންމެން ދަނޑުންފައިބާނެ ކަމަށް. އޭރުން އަހަރެމެންނަށް ފުރައްސާރަ ކުރި އެންމެން މީގެ އަގު ދައްކަންޖެހޭނެ" ވިނީޝަސް ބުންޏެވެ.
ވީނީ އިތުރަށް އޭނާ ބުނީ ވެލެންސިއާގައި ދިމާވި ހާދިސާއަށްފަހު ޓީމުގެ ހުރިހާ ކުޅުންތެރިން އެކަމާ ވަރަށްބޮޑަށް ވިސްނި ކަމަށާއި, ނަސްލީތަފާތުކުރުމާ ދެކޮޅަށް ކުރަން އެންމެ ރަނގަޅު ކަމަކީ ދަނޑުން ފޭބުން ކަމަށް އެންމެންވެސް ގަބޫލުކުރާކަމަށެވެ. ސްޓޭޑިއަމްގައި ތިބޭ އެންމެންނަކީ އެކަހަލަ މީހުން ނޫން ކަމަށާއި, ހަމަ ހަޤީގަތުގައިވެސް މެޗް ބަލަން ބޭނުންވެގެންދާ އެތައްބަޔަކު ތިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
"މެޗެއް ހުއްޓާލުމަކީ ފަސޭހަ ނިންމުމެއްނޫން. އެކަމަކު ދިމާވާ ކަންތައް ފަހަރަކަށްވުރެ ފަހަރެއްވަނީ ގޯސް. އަހަރެމެން މެޗު ދޫކޮށް ދިޔާމަ ފަހަރެއްގަ ކަންކަން އިސްލާހު ވެދާނެ" ވިނީ އިތުރަށް ބުންޏެވެ.
ލަލީގާއިންވަނީ މީގެ ކުރިންވެސް ވަނީ މިބާވަތުގެ ކަންކަމާގުޅޭގޮތުން ހެކި ހޯދާ އެގައުމުގެ ހޭޓް ކްރައިމް ޕްރޮސެކިއުޓަރަށް ހުށަހަޅާފައެވެ. އެކަމަކު އެކި ސަބަބުތަކާހުރެ ދަޢުވާކުރަން ފޮނުވާފައެއް ނުވެއެވެ.
ލީގުން ވަނީ ސްޕެއިންގެ ސަރުކާރަށް ކަމާގުޅޭ ޤާނޫނުތަކަށް ބަދަލުގެންނަންވެސް ގޮވާލާފައެވެ. ނަސްލީތަފާތުކުރުން މަނާކުރާ ޤާނުނުތައް ވަރުގަދަކޮށް ކުށްވެރިންނަށް ސީދާ އަދަބުދެވޭގޮތަށް ބަދަލުކުރަން އެގޮވާލުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ވެލެންސިއާގެ ކޯޓުގެ ނިންމުމަށް ތައުރީފުކޮށް އެއީކުޅިވަރު ސްޓޭޑިއަމްތަކަށް ގޮސް ކުޅިވަރުގެ ރޫޙާ ޚިލާފް އަމަލުހިންގާ މީހުންނަށް ދިން މެސެއްގެ ގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.
"އަހަންނަށް މިއަދު ސްޕެއިންއިން ތަފާތެއް އެބަ ފެނޭ. މިއަދު ފަހަރެއްގަ (ބައެއް ފޭނުން) އަދިވެސް ރޭސިސްޓް ވެދާނެ. އެކަމަކު އެމީހުން މިހާރު އެކަން ފާޅުކުރަން ޖެހިލުންވާހެން އަހަންނަށް ހީވޭ. ޙާއްސަކޮށް ސްޓޭޑިއަމްތަކުގަ އާއި ކެމެރާތައް ގިނައިން ހުންނަ ސަރަޙައްދު ތަކުގަ" ބުދަ ދުވަހު ވިނީ ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
އެފަދަ ކަންކަމަކީ އެއްކޮށް ހުއްޓޭނެ ކަންކަން ނޫން ކަމަށާއި, ނަމަވެސް މަސައްކަތް ކުރަނީ މަޑުމަޑުންގޮސް އެބާވަތުގެ ކަންކަން ވީހާވެސް މަދުކުރަން ކަމަށްވެސް އޭނާ ބުންޏެވެ.
ރިއެކްޝަންސް