ޤައިދީން ރިހިބިލިޓޭޝަންގައި ބައިވެރިވާ ކޮންމެ ދުވަހެއް ޖަލު ހުކުމުން އުނިކުރަން ނިންމައިފި
ގަވާއިދުތައް ހަދާ އިއުލާނު ކުރާނެ
ހުކުމް ތަންފީޒުކުރަމުންދާ ޤައިދީން ރިހިބިލިޓޭޝަންގައި ބައިވެރިވާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ސިޔާސަތު ބަދަލުކުރަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަދު މާފުށި ޖަލުގައި ކުރިއަށްގެންދާ ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާނެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ އެސީޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. އެ އާސިޔާސަތުގެ ދަށުން ގައިދީންގެ ތެރެއިން ރިހިބިލިޓޭޝަންގެ މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު މަސައްކަތް އުގެނުމަށް ނުވަތަ މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލުހުކުމުން އުނިވާ ދުވަހެއް ކަމަށެވެ.
" އެމީހާ އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް, ރޭނުމުގެ ދާއިރާއިން ވިޔަސް, ސަޤާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް, މަސައްކަތް އުގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ, ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލު ހުކުމުން އެއްދުވަސް އިތުރަށް ކެނޑިގެންދާނެ ދުވަހެއް ގޮތުގައި ހަމަޖެއްސުން." ވަޒީެރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެބަދަލު ތަންފީޒު ކުރަން ޤާނޫނުތަކާއި, ގަވާއިދު ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުޞޫލުތައް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ހުރިހާ ގައިދީންނަށްވެސް އިއުލާނު ކުރައްވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ ރަނގަޅު މަސައްކަތެއް ދަސްކޮށްގެން, އާމްދަނީ ލިބޭނެ މަގެއް ހޯދައިގެން ގައިދީން މުޖުތަމައުއަށް އަނބުރާ އަވަހަށް ނިކުމެވޭނެ މީހަކަށް ވުން ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ އިހުސާން ވިދާޅުވީ ޤައުމިއްޔަތާއި ސަޤާފަތް މިހާރަށްވުރެ ބޮޑަށް ހިމަނައިގެން ގައިދީންގެ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ގެންދެވޭނެ ގޮތްތަކެއް އޮތްތޯ ބަލާ އެގޮތްތަކަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ގައިދީން
ކުރާ މަސައްކަތުން އާމްދަނީ ލިބި, އާމްދަނީގެ ބައެއް ސީދާ ގައިދީންނަށް ލިބޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ހުޅުވި ސަގާފީ ގޯއްޗަކީ މަސައްކަތް ދަސްކޮށްދޭ ތަނެކެވެ. އެތަނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތްތަކާއި, ސަގާފީ މަސައްކަތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް