ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

22 hours ago - 22:39
Advertisement
Advertisement

ކުރިއާ ޚިދުމަތް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 1.03 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.


ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ކުރިއަށްގެންދިޔަ އިތުރު ތަހުލީލުތަކުން، އޭގެ ތެރޭގައި 1,030 ގްރާމްގެ ސިންތެޓިކް ކެތިނޯން ހުރިކަން ވަނީ ކަށަވަރުވެފައެވެ.


މީގެއިތުރުން، އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕެކޭޖެއް ބަލައިފާސްކުރިއިރު ވެސް 2,123 ގްރާމްގެ ސިންތެޓިކް ކެތިނޯން ފެނިގެން އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.


ފަހަކަށް އައިސް ރާއްޖެއަށް އެކި މަގުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެ ޤައުމުގެ ދެ ފަސިންޖަރެއްގެ ލަގެޖު ބަލައިފާސްކުރިއިރު 3.3 ކިލޯގެ ކެނަބިސް ފެނިފައިވެއެވެ.


ހަމައެއާއެކު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ވައިގެ މަގުން އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާއިރު، އެ މަހުގެ 5 ވަނަ ދުވަހުވެސް އިންޑިއާ ފަސިންޖަރެއްގެ ލަގެޖުން ބައި ކިލޯއެއްހާ ކެނަބިސް ވަނީ ފެނިފައެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި ފާރަވެރިވުމުގެ މަސައްކަތް ކަސްޓަމްސްއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވަރަށް ހަރުދަނާކަމާއެކު ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement