ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެރި މައިންބަފައިންނަށް 143.2 މިލިއަން ރުފިޔާ ދައުލަތުން ދީފި

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެރި މައިންބަފައިންނަށް 143.2 މިލިއަން ރުފިޔާ ދައުލަތުން ދީފި

7 hours ago - 10:48
Advertisement
Advertisement

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެރި މައިންބަފައިންނަށް އެހީގެ ގޮތުގައި ދައުލަތުން 143.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.


"އެމްއެމްޓީވީ" އިން އެދިގެން އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެރި މައިންބަފައިންނަށް އެހީގެ ގޮތުގައި ޖުމްލަ 143.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.


ވަކިވަކި އަހަރުތަކުގެ ތަފްސީލަށް ބަލާއިރު، 2024 ވަނަ އަހަރު 3,220 ބެލެނިވެރިއަކަށް 66.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 5,394 ކުދިން ތިބި ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ. އަދި 2025 ވަނަ އަހަރު 2,949 ބެލެނިވެރިއަކަށް 59.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 5,010 ކުދިން ތިބިކަމަށް ފާހަގަކޮށްފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް 12,000 ރުފިޔާއާ ހަމައަށް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. މި ބަދަލާއެކު، ކުރިން 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި 2,000 ރުފިޔާގެ އެހީ، މިހާރު ވަނީ 3,000 ރުފިޔާއަށް އިތުރުކުރެވިފައެވެ. އަދި ހަތަރު ކުދިންނަށްވުރެ ގިނަވާ ކޮންމެ ކުއްޖަކަށް އިތުރަށް ދޭ 1,000 ރުފިޔާގެ އިނާޔަތްވެސް ކުރިއެކޭ އެއްގޮތަށް އެންސްޕާއިން ދަނީ ދެމުންނެވެ.


މި އަހަރުގެ މިހާތަނަށް އެކަނިވެރި މައިންބަފައިންގެ އެހީގެ ގޮތުގައި ޖުމްލަ 16.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ. މި އެހީ ދީފައިވަނީ ޖުމްލަ 3,240 ބެލެނިވެރިންނަށެވެ. މި ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 5,551 ކުދިން ތިބިކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.


މިއީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކަނިވެރި މައިންބަފައިންނަށް މާލީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement