މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ކ. އަތޮޅާއި އދ. އަތޮޅަށް
މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅާއި އދ. އަތޮޅަށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ކ. އަތޮޅަށް 591،826 ފަތުރުވެރިން ގޮސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އދ. އަތޮޅަށް 107،990 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ރ. އަތޮޅަށް 103،740 ފަތުރުވެރިން ވަނީ ގޮސްފައެވެ.
ކ. އަތޮޅަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަށް ވުމުގެ އިތުރުން، އެ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ އެނދު ފަތުރުވެރިކަމަށް ނެރެފައިވާ އަތޮޅުވެސް މެއެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ޖުމްލަ 64،891 އެނދުގެ ތެރެއިން 25،370 އެނދު ހިންގަމުންދަނީ ކ. އަތޮޅުގައެވެ. މީގެ ތެރޭގައި ރިސޯޓްތަކުގެ 15،516 އެނދާއި، ހޮޓެލްތަކުގެ 1،646 އެނދުގެ އިތުރުން ގެސްޓްހައުސްތަކުގެ 8،208 އެނދު ހިމެނެއެވެ.
ތަފާސްހިސާބުތައް އިތުރަށް ދައްކާގޮތުން، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ކަމަށްވާ 1،311،632 ފަތުރުވެރިން އައީ ޗުއްޓީ ހޭދަކުރުމަށެވެ. އަދި ވިޔަފާރި ބޭނުންތަކަށް 11،254 ފަތުރުވެރިން އައިއިރު، ކްރޫޒްލައިނާތަކުގައި 15،577 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިހާރު އެވްރެޖްކޮށް ދުވާލަކު 7،975 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމަކީ ޗައިނާއެވެ. އެގޮތުން ޗައިނާއިން އެކަނިވެސް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރިއެކްޝަންސް





