ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަން ގަމުގެ ޖަމްއިއްޔާއަކަށް އެހީދީފި
ލ.ގަމުގައި އޮންނަ ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަން ގަމުގެ ޖަމްއިއްޔާއަކަށް އެހީދީފި އެވެ. ހިމާޔަތްކޮށްފައި އޮންނަ އެސަރަހައްދަކީ ލ.އަތޮޅަށް ޒިޔާރަތްކުރާ މީހުންގެ އެންމެ މަގްބޫލް އެއް ސަރަހައްދެވެ.
ލ.ގަމުގައި އޮންނަ އާދަޔާހިލާފް ފެންގަނޑު 'ޕަރީ ފެންގަނޑު' އޮންނަ ސަރަހައްދަށް ޒިޔާރަތްކުރައްވާ ތިމާވެއްޓާބެހޭ ވަޒީރު ތާރިޤި އިބްރާހީމް ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ދަށުން ވިއުއިންގ ޕްލެޓްފޯމެއް އަޅަން ސަރުކާރުން ފެސިލިޓޭޓް ކޮށްދެއްވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފަންޑް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ވަނީ ހަމަޖައްސައިދެއްވާފައެވެ.
ލ.އަތޮޅަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ތާރިޤު ވަނީ އެއަތޮޅުގެ ތިން ޖަމްއިއްޔާއަކަށް 1.5 މިލިއަން ރުފިޔާގެ ރުފިޔާގެ އެހީ ހަމަޖައްސައިދެއްވާފައެވެ. މިއީ މުޅިންވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކުރައް ތައްޔާރުކޮށްފައިވާ ޕްލޭންތައް ތަންފިޒުކުރަން ދޭ އެހީއެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ އިތުރުން އެހީދިނީ މާބައިދޫ ކޯރާއި ހިތަދޫ ކުޅި ހިމާޔަތްކޮށް މެނޭޖްކުރުމުގެ ޕްރޮޖެކްޓަށެވެ. އެތިންފަރާތާއެކުވެސް އެހީގެ ލިޔުން ހަވާލުކޮށް, އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މިނިސްޓަރ ތާރިޤު ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތަކުގައި ކައުންސިލްތަކާއި, ޖަމްއިއްޔާތަކަކާއި, ޕްރައިވެޓް ސެކްޓަރގެ އިތުރުންވެސް އެހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެހީގެ ބޭނުން ރަނގަޅަށް ކޮށްފިނަމަ މިފަދަ އިތުރު އެހީ ލިބުމުގެ ފުރުޞަތު ފަހިވާނެ ކަމަށެވެ.
ރިއެކްޝަންސް