ވަށާޖެހޭ ޞިއްޙީ ނިޒާމަކަށް ބޭނުންވާ ޤަވާއިދުތައް އެކުލަވާލަން އޭސީސީން ލަފާދީފި
ވަށާޖެހޭ ފުރިހަމަ ޞިއްޙީ ނިޒާމަކަށް ބޭނުންވާ ޤަވާއިދުތައް އެކުލަވާލަން އޭސީސީން ލަފާދީފި އެވެ. އޭސީސީން މިލަފާ ދީފައި ވަނީ ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއަރ ނިޒާމްގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ދިރާސާގައެވެ.
މިދިޔަ ބުރާސްފަތު ދުވަހު ޢާއްމުކުރި ރިޕޯރޓްގައި ބުނެފައިވަނީ ޤާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރުކުރަން ދަތިވާ ކަމަށެވެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި, ދިވެހިރާއްޖޭގައި ވަށާޖެހޭ ފުރިހަމަ ނިޒާމަކަށް ބޭނުންވާ މުހިންމު ޤަވާއިދުތައް އެކުލަވާލެވިފައި ނެތްކަމަށް އޭސީސީގެ ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައްވެސް ދިރާސާގައި ވަނީ ފާހަގަކުރައްވާފައެވެ.
އެފަދަ އެއް މައްސަލަ އަކީ އެއްވެސް ހުރަހެއްނެތި, އެކި ޑޮކްޓަރުންގެ ކޮންސަލްޓޭޝަންގެ މައްޗަށް ޖެހިޖެހިގެން އެއް ޓެސްޓެއް ހެދުމުގެ ފުރުޞަތު އޮތުމެވެ. މިއީ ކޮންމެހެން ހަދަންޖެހޭ ޓެސްޓެއްކަން ޔަޤީން ކުރަން އުނދަގޫވުމާއެކު, މެޑިކަލީ އެންމެ ބޭނުންތެރި ޓެސްޓެއްކަން ޔަގީންކުރަން ރިއާޔަތްކުރާނެ އުސޫލެއް ނެތްކަންވެސް ފާހަގަކޮށްފައި ވެއެވެ.
މިކަމުގެ ހައްލަކަށް އޭސީސީން ހުށަހަޅާފައިވަނީ 10 ޤަވާއިދެއް އެކުލަވާލުމެވެ. ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް/ކްލިނިކް ތަކުގައު މަސައްކަތް ކުރުމުގެ ގަވާއިދުވެސް ހިމެނެނީ މީގެތެރޭގައެވެ. މީގެއިތުރުން އޭސީސީން ލަފާދީފައި ބައެއް ގަވާއިދުތަކުގެ ތެރޭގައި ޑައިގްނޯސިސް ސްކީމެއް ހިމެނޭހެން ކްލިނިކަލް ގައިޑްލައިނެއް އެކުލަވާލުމާއި, ޓްރީޓްމަންޓް އަދި ޕްރެކްޓިސް ޣައިޑްލައިނަކާއި, ނޭޝަނަލް ޕްރިސްކްރައިބިންގސްޓެންޑަރޑެއް ޢާއްމު ކުރުން ހިމެނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ބޭހުގެ އަގު ކަނޑައެޅުމުގައި ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅަންވެސް ވަނީ ލަފާދީފައެވެ. އެމް.އެފް.ޑީ.އޭ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ބޭހުގެ ބާރު (ސްޓްރެންތް/ވޮލިއުމް) ބަޔާންކޮށް, ކޮންމެ ސްޓްރެންތެއް ވިއްކާނެ އަގު ލިސްޓްގައި ހިމަނަންވެސް ވަނީ ލަފާދީފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ސްޓޮކް ސެންޓްރަލީ ހަރުދަނާކަމާއެކު ބަލަހައްޓާ, މިނިޒާމް މޮނިޓަރ ކުރާނެގޮތް ލިޔުމުން އެކުލަވާލާ ތަންފީޒުކުރަންވެސް ވަނީ ލަފާދީފައެވެ.
އޭސީސީން ޢާއްމުކުރި ދިރާސާގައިވެސް ވަނީ އެންސްޕާ/އާސަންދައިން ޚިދުމަތް ދިނުމުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށްފައެވެ.
ރިއެކްޝަންސް