
ވައިދަދް ކަސަބްލަންކާ އަތުން މެންޗެސްޓަރ ސިޓީ އަށް މޮޅެއް
ސިޓީގެ ރިކޯ ލެވިސްއަށް ވަނީ 88 ވަނަ މިނިޓްގައި ރަތްކާޑެއް ދައްކާފައި
ފީފާ ކްލަބް ވޯލްޑްކަޕްގައި މޮރޮކޯގެ ވައިދަދް ކަސަބަލަންކާއަތުން މެންޗެސްޓަރ ސިޓީ 2-0 ން މޮޅުވި މެޗުގައި ސިޓީގެ ފިލް ފޯޑެން ވަނީ ދެވަނަ މިނިޓްގައި ގޯލެއް ޖަހާ ދެވަނަ ގޯލް ޖެހުމުގައި ވެސް އެހީތެރިވެފައެވެެ.
ފިލެޑެފިއާގައި ކުޅުނު މި މެޗަކީ ގްރޫޕް ޖީ ގައި މި ދެ ޓީމްވެސް ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުނިމުގެ ކުރިން ސިޓީއަށް ލީޑު ފުޅާކޮށްދިނީ ޖެރެމީ ޑޮކޫއެވެ. ފިލް ފޯޑެން ނަގައިދިން ކޯނަރު ޑޮކޫ ގޯލްގެ ތެރެއަށް ފޮނުވާލީ އިތުބާރާއެކުއެވެ.
މެޗުގެ ދެވަނަ މިނިޓްގައި އޭރިޔާތެރެއިން ފޯޑަން ފޮނުވާލި ބޯޅައާއެކު އެ ގޯލް ވެގެން ގޮސްފައިވަނީ ކްލަބްވޯލްޑްކަޕްގެ ތާރީޙްގައި ފެނުނު އެންމެ އަވަސް ގޯލަށެވެ. އެއީ ސިޓީގެ ސަވީނިއޯ ނަގައިދިން ބޯޅައެއް ކަސަބަލަންކާގެ ކީޕަރު އެލް މެހްދީ ބެނާބިދް ދިފާއުކުރުމުގެ ތެރޭގައި އަނބުރާ ކުޅުމުގެ ތެރެއަށް ދިޔުމުން ފޯޑާންގެ ވައަތު ފައިން ދެވަނަ ފަހަރަށް ފޮނުވާލި ބޯޅައެކެވެ.
މިއީ އިނގިރޭސި މިޑްފީލްޑަރު އެންމެ ފަހުން ކުޅުނު 20 މެޗުން ޖެހުނު ހަމައެކަނި ގޯލެވެ.
އާދިއްތަ ދުވަހު އެޓްލާންޓާގައި ސިޓީގެ ދެވަނަ މެޗުގައި ވާދަކުރާނީ އަބޫ ދާބީ ގެ އަލް-އައިން އާއެވެ. ނަމަވެސް ސިޓީ މިމެޗަށް ނިކުންނާނީ މިއަދުގެ މެޗުގެ 88 ވަނަ މިނިޓްގައި ރަތްކާޑު ދެއްކި ރިކޯ ލެވިސް ނުލައެވެ.
ކަސަބްލަންކާގެ ދެވަނަ މެޗުވެސް އޮންނާނީ ފިލެޑެފިއާގައެވެ. އާދިއްތަ ދުވަހު އެ މެޗުގައި ނިކުންނާނީ އިޓަލީގެ ޔުވެންޓަސް އާ ދެކޮޅަށެވެ.
ރިއެކްޝަންސް






